ލަންކާގެ ކާފިއު އަށް ލުއިތަކެއް، ކޮލަމްބޯގެ ގިނަ ހިސާބުތައް ބަންދު

ކޮލަމްބޯ (އެޕްރީލް 19) - ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ސްރީ ލަންކާގައި ހިންގާފައިވާ ކާފިއު އަށް މި ހަފުތާގައި ލުއިތަކެއް ދޭން ނިންމައިފި އެވެ.


ރައީސްގެ މީޑިއާ ޑިވިޝަނުން ބުނީ ކޮލަމްބޯ، ގަމްޕަހާ، ކަލުތަރަ، ޕުއްތަލަމް، ކެންޑީ، ކިގާލް އަދި އަމްޕަރާ ފިޔަވައި އެހެން ހިސާބުތަކުގެ ކާފިއު މާދަމާ ފަތިހު 5 އިން ފެށިގެން 15 ގަޑިއިރަށް އުވާލާނެ ކަމަށެވެ. ނަމަވެސް މާދަމާ ރޭ 8 އިން ފެށިގެން ފަތިހު 5 އަށް އަލުން ކާފިއު ހިންގާނެ އެވެ.

ކޮލަމްބޯގެ ބައެއް ސަރަހައްދުތަކުގެ ކާފިއު ބުދަ ދުވަހުގެ ފަތިހު 5 އިން އެރޭ 8 އާ ހަމައަށް އުވާލަން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެރޭ 8 އިން ފެށިގެން ކޮލަމްބޯގައި އަލުން ކާފިއު ހިންގާ ސަރަހައްދުތަކުގެ ތެރޭގައި ބަމްބަލަޕިޓިޔާ، ދެހިވަލަ، މައުންޓް ލެވިއާ، ކޮޓަހެނާ، ގްރޭންޑްޕާސް، ކެސެލްވައްޓެ، މަރަޑަނާ، ގޮޓަޓުވާ، މުލެރިޔަވާ، ވެލައްޕިޓިޔާ އަދި ކޮހުވަލަ ހިމެނެ އެވެ.

ލަންކާގެ ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަރުކާރު އޮފީސްތަކުގެ ތެރޭން ހުޅުވާނީ ކޮންމެހެން ހުޅުވަން ޖެހޭ ތަންތަން އެކަންޏެވެ.

ލންކާ އިން މިހާތަނަށް ވަނީ 256 މީހުން ޕޮޒިޓިވްވެ ހަތް މީހުން މަރުވެފަ އެވެ.