ކޮވިޑް-19: ނިއު ޔޯކުގެ ކާވް މިހާރު ވަނީ ތިރިއަށް ޖަހާފައި: ގަވަރުނަރު

ނިއު ޔޯކް (އެޕްރީލް 20) - އެމެރިކާގައި ކޮރޯނާވައިރަސް އެންމެ ހަލުވިކަމާ އެކު ފެތުރެމުންދިޔަ ނިއު ޔޯކް ސްޓޭޓުގެ ކާވް މިހާރު ވަނީ ތިރިއަށް ޖަހާފައި ކަމަށް އެ ސްޓޭޓުގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވެއްޖެ އެވެ.


"ކާވްގެ އެންމެ މަތީ ޕޮއިންޓަށް މިހާރު ވާސިލްވެއްޖެ. މިހާރު ކާވް ވަނީ ތިރިއަށް މިސްރާބު ޖަހާފައިކަން އެބަ ހާމަވޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކޫމޯ ވިދާޅުވި އެވެ.

ނިއު ޔޯކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށްދާކަން ގަވަރްނަރު އިއުލާންކުރެއްވި އިރު ކޫމޯ އާއި ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. ސްޓޭޓްތައް ބަންދުކުރުމުން އިގްތިސާދަަށް ގެއްލުންވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ސްޓޭޓްތައް ހުޅުވާލާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކޫމޯ ގެންދަވަނީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ.

ކޫމޯ މިހާރު ހަމަޖައްސަވާފައި ވަނީ ނިއު ޔޯކުގެ ލޮކްޑައުން މުއްދަތު މެއި 15 އަށް އިތުރު ކުރުމަށެވެ. ނަމަވެސް ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށާއި ކަސްރަތު ކުރުމަށް ބޭރަށް ނުކުމެވެ އެވެ.

ނިއު ޔޯކުން އެޑްމިޓްކުރާ މީހުންގެ އަދަދު ވެސް ވަނީ ދަށަށްދާން ފަށައިފަ އެވެ. ހުކުރު ދުވަހު 1،915 މީހުން އެޑްމިޓްކުރި އިރު ހޮނިހިރު ދުވަހު އެޑްމިޓް ކުރީ 1،384 މީހުންނެވެ. އާދިއްތަ ދުވަހު ވަނީ 6،174 މީހުން ޕޮޒިޓިވްވެފަ އެވެ. ހުކުރު ދުވަހު 540 މީހުން މަރުވި އިރު ހޮނިހިރު ދުވަހު މަރުވެފައި ވަނީ 507 މީހުންނެވެ. ނަމަވެސް އާދިއްތަ ދުވަހު ވަނީ 627 މީހުން މަރުވެފަ އެވެ.

ނިއު ޔޯކުން މިހާތަނަށް ވަނީ 247,215 މީހުން ޕޮޒިޓިވްވެ 18,298 މީހުން މަރުވެފަ އެވެ. އެމެރިކާ އިން ވަނީ 764,265 މީހުން ޕޮޒިޓިވްވެ 40,565 މީހުން މަރުވެފަ އެވެ.