ކޮވިޑް-19: އެމެރިކާގެ ސްޓޭޓަކުން ޗައިނާއާ ދެކޮޅަށް ދައުވާކޮށްފި

މިސޫރީ (އެޕްރީލް 22) - ކޮވިޑް-19 އާ ގުޅޭ ގޮތުން އޮޅުވައި އެކަމުގެ ސަބަބުން މުޅި ދުނިޔެ އަށް ވަބާއެއްގެ ގޮތުގައި އެ ރޯގާ ފެތުރިފައިވާތީ ޗައިނާ ސަރުކާރާއި އެ ގައުމުގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށް އެމެރިކާގެ މިސޫރީ ސްޓޭޓުން ދައުވާކޮށްފި އެވެ.


"ކޮވިޑް-19 އަކީ ކިހާ ފަސޭހައިން ގައިންގައިން އަރާ ބައްޔެއް ކަމާއި އެ ބަލީގެ ނުރައްކާ މުޅި ދުނިޔެ އަށް އޮޅުވާލައި އަދި އެ ބަލި ސަމާލު ކަމަށް ގެންނަން އުޅުނު މީހުންގެ އަޑު ކަނޑުވާލައި އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި އެކަށީގެންވާ މަސައްކަތްކޮށްފައި ނުވާތީ ޗައިނާ ސަރުކާރަށް ދައުވާ ކުރުމަށް ވަނީ ނިންމާފައި،" މިސޫރީގެ އެޓާނީ ޖެނެރަލް އެރިކް ޝްމިޓް ވިދާޅުވި އެވެ.

ދައުވާގައި ވަނީ އެ ސްޓޭޓުގައި އެ ބަލީގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމަށާއި އިންސާނުންނަށް ލިބުނު ވޭނާއި އިގްތިސާދަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެދިފަ އެވެ.

އެމެރިކާގެ އެ ސްޓޭޓުގެ ތުހުމަތަށް ޗައިނާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.

މިއީ ތާރީޚީ ދައުވާއެއް ނަމަވެސް ތަޖްރިބާކާރުން ބުނަނީ އެމެރިކާގެ ގާނޫނުތައް އޮންނަ ގޮތުން ބޭރު ގައުމެއްގެ ސަރުކާރުގެ މައްސަލަ އެ ގައުމުގައި ނުބެލޭނެ އެވެ.

އެމެރިކާގެ މިސޫރީން ވަނީ 6،040 މީހުން ޕޮޒިޓިވްވެ 224 މީހުން މަރުވެފަ އެވެ.