ކޮވިޑް-19: އެމެރިކާ އިން މަރުވި މީހުން ބައިލައްކަ އަށް

ވޮޝިންޓަން (އެޕްރީލް 24) - ކޮވިޑް-19 ގައި އެމެރިކާ އިން މަރުވި މީހުންގެ އަދަދު ބައި ލައްކަ އަށް ވުރެ މައްޗަށް މިރޭ އަރައިފި އެވެ.


ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެމެރިކާ އިން ވަނީ 2،400 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ހިސާބުތަކުން ދައްކާ ގޮތުން އެމެރިކާ އިން މިހާތަނަށް ވަނީ 894,475 މީހުން ޕޮޒިޓިވްވެ 50,939 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 90,201 މީހުންނެވެ.

އެމެރިކާގެ ނިއު ޔޯކް ސްޓޭޓުން ވަނީ 268,581 މީހުން ޕޮޒިޓިވްވެ 21,283 މީހުން މަރުވެފަ އެވެ. ނިއު ޖާޒީން 100,025 މީހުން ޕޮޒިޓިވްވި އިރު 5,428 މީހުން ވަނީ މަރުވެފަ އެވެ.

ނަމަވެސް ވައިޓް ހައުސްގެ ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ކޯޑިނޭޓަރު ޑރ. ޑެބޯރާ ބާކްސް ވިދާޅުވީ އާބާދީގައި 330 މިލިއަން މީހުން ހިމެނޭ އެމެރިކާ އަކީ މުޅި ދުނިޔެ އަށް ބެލި ނަމަވެސް އާބާދީގެ ނިސްބަތުން އެންމެ މަދުން މީހުން މަރުވި ގައުމު ކަމަަށެވެ.

މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 2,763,997 މީހުން ޕޮޒިޓިވްވެ 193,730 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 764,099 މީހުންނެވެ.