ކޮވިޑް-19: ލަންކާގެ ކަނޑުގެ ސިފައިންގެ ކޭމްޕެއްގައި ވައިރަސް ފެތުރެނީ

ކޮލަމްބޯ (އެޕްރީލް 26) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އާއި ކައިރީގައިވާ ނޭވީ ކޭމްޕެއްގައި ކޮރޯނާވައިރަސް ފެތުރި 30 ސިފައިން ޕޮޒިޓިވްވުމާ ގުޅިގެން އެ ތަން ކަރަންޓީން ކޮށްފި އެވެ.


ލަންކާގެ އަސްކަރިއްޔާ އިން ބުނީ ކޮލަމްބޯގެ ކައިރީގައިވާ ވެލިސަރާގެ މަރުކަޒު އެއްކޮށް މިހާރު ވަނީ ކަރަންޓީންކޮށްފައި ކަމަށެވެ.

ލަންކާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން، މިހާރު ވަނީ ކާފިއު އަށް ލުއިތަކެއް ނުދިނުމަށް ނިންމައިފަ އެވެ. ކުރިން އޮތީ ހޯމަ ދުވަހުން ފެށިގެން ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމަށެވެ. ލަންކާގެ ކަމާބެހޭ ފަރާތްތަކުން ކުރިން ބުނެފައި ވަނީ މެއި މަހު 4 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދިނުމަށް ފަހު ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ފަށާނެ ކަމަށެވެ.

ލަންކާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 452 މީހުން ޕޮޒިޓިވްވެ ހަތް މީހުން މަރުވެފަ އެވެ. އިއްޔެ އެކަނި ވެސް ވަނީ 35 މީހުން ޕޮޒިޓިވްވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 118 މީހުންނެވެ.