ކޮވިޑް-19: ލަންކާގެ ކާފިއު އުވާނުލަން ނިންމައިފި

ކޮލަމްބޯ (އެޕްރީލް 27) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ސްރީ ލަންކާގައި އިއުލާންކޮށްފައިވާ ކާފިއު ހޯމަ ދުވަހުން ފެށިގެން ބައެއް ސަރަހައްދުތަކުގައި އުވާލަން ނިންމި ނަމަވެސް އެ ނިންމުން ބާތިލްކޮށްފި އެވެ.


ކާފިއު އުވާނުލަން ނިންމީ ކުއްލިއަކަށް ގިނަ ބަޔަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވާން ފެށުމުންނެވެ. ކޮލަމްބޯއާ ކައިރީގައިވާ ކަނޑުގެ ސިފައިންގެ މަރުކަޒެއްގައި ވެސް މިހާރު ވަނީ ވައިރަސް ފެތުރެން ފެށުމުން އެ ތަން ކަރަންޓީންކޮށްފަ އެވެ. އެ މަރުކަޒުގައި ސިފައިންނާއި އެ މީހުންގެ އާއިލާތަކާ އެކު 4،000 މީހުން އުޅެ އެވެ.

މާޗް 20 ވަނަ ދުވަހު ލަންކާގައި އިއުލާންކުރި ކާފިއު އަށް ހޯމަ ދުވަހުން ފެށިގެން ލުއިދޭނެކަން އިއުލާންކުރީ ހޮނިހިރު ދުވަހު އެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އެ ނިންމުން ވަނީ ބަދަލުކޮށް، މެއި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން މުއްދަތު އިތުރުކޮށްފަ އެވެ.

ލަންކާގެ ސިފައިންގެ ވެރިޔާ ޝަވެންދުރަ ސިލްވާ ވިދާޅުވީ އެއްގަމާއި ކަނޑު އަދި ވައިގެ ސިފައިންގެ ހުރިހާ ޗުއްޓީތަކެއް ކެންސަލްކޮށް، ސިފައިން މަސައްކަތަށް ނުކުތުމަށް މިހާރު އަންގާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ ވެލިސަރާގެ ކަނޑުގެ ސިފައިންގެ މަރުކަޒުން ޕޮޒިޓިވްވި މީހުންގެ އަދަދު 95 އަށް އެރުމާ ގުޅިގެންނެވެ. އެ މަރުކަޒުން ޗުއްޓީ އަށް ދިޔަ 27 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ލަންކާގެ ސިއްހީ އޮފިޝަލުން ވިދާޅުވެފައި ވަނީ ބައިބޯ އެހެން ހިސާބުތަކުން ވެސް މީހުން ޕޮޒިޓިވްވާން ފަށާފައިވާ ކަަމަށެވެ. ކޮލަމްބޯ އިން ވެސް ވަނީ 81 މީހުން ޕޮޒިޓިވްވެފަ އެވެ.

ލަންކާ އިން މިހާތަނަށް ވަނީ 523 މީހުން ޕޮޒިޓިވްވެ ހަތް މީހުން މަރުވެފަ އެވެ.