ކޮވިޑް-19: އެމެރިކާ އިން ދަނީ "ލަދެއް ނެތި" އޮޅުވާލަމުން: ޗައިނާ

ބެއިޖިން (އެޕްރީލް 29) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި އެމެރިކާ ބޮޑުތަނުން ފެއިލްވިކަން އޮއްބާލުމުން އެ ގައުމުގެ ސިޔާސީ ފަރާތްތަކުން ދަނީ ފާޅުގައި، އެއްވެސް ލަދެއް ނެތި އޮޅުވާލަމުން ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ،


ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ގެންގް ޝުއާންގް ވިދާޅުވީ އެމެރިކާ އިން އުޅެނީ ޒިންމާ ނުއުފުލައި ޗައިނާގެ ބޮލުގައި ހުރިހާ ކަމެއް އެޅުވުމަށް ކަމަށެވެ.

"އެމެރިކާގެ އޮތީ އެންމެ ބޭނުމެއް: ކޮރޯނާވައިރަސް ކޮންޓްރޯލް ނުކުރެވި އާއްމުންގެ ރުޅިވެރިކަން އިތުރުވާތީ، އެކަމުގެ ސަމާލުކަން އަނބުރާލަން ދޮގުތައް ހެދުން. ޗައިނާގެ ބޮލުގައި ކަންކަން އެޅުވުން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝުއާންގް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ފުރަތަމަ އުފަންވީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީންނެވެ. އެމެރިކާގެ އިތުރުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވަނީ ޗައިނާގައި އުފެދުނު ރޯގާއެއް މުޅި ދުނިޔޭގެ ވަބާއަކަށް ބަދަލުވި ގޮތް ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ.

ޝުއާންގް ވިދާޅުވީ އެމެރިކާގެ ސިޔާސީ ފަރާތްތަކުން ކުރަން ޖެހޭ ކަމަކީ ގައުމުގެ އެތެރޭގެ ކަންކަން ހައްލުކޮށް ބަލި ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރުން ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވަނީ ކޮރޯނާވައިރަހުގެ ސަބަބުން ލިބުނު ގެއްލުން ޗައިނާ އަތުން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމުގައި ޗައިނާ ޒިންމާ ކުރެވޭނެ ގޮތްގޮތް އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ މުޅި ދުނިޔެ އަށް މި ރޯގާ ނުފެތުރެނީސް ޗައިނާ އަށް އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

ކޮރޯނާވައިރަސް ފެތުރުނު ގޮތާ މެދު ޗައިނާ އާއި އެމެރިކާ އިން ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ އެއީ ވޫހާންގެ ލެބަކުން ދޫވި އެއްޗެއް ކަމަށެވެ. އެހެންވެ ރައީސް ޓްރަމްޕް ގެންދަވަނީ އެއީ ވޫހާން ވައިރަސް ނުވަތަ ޗައިނާ ވައިރަސް ކަމަށް ސިފަ ކުރައްވަމުންނެވެ.

ޗައިނާ އިން ބުނެފައި ވަނީ އެއީ އެމެރިކާ ސިފައިން ވޫހާން އަށް ދޫކުރި އެއްޗެއް ކަމަށެވެ.

ކޮރޯނާވައިރަހަށް ޗައިނާ އިން 82,858 މީހުން ޕޮޒިޓިވްވެ 4,633 މީހުން ވަނީ މަރުވެފަ އެވެ. އެމެރިކާ އިން 1,035,765 މީހުން ޕޮޒިޓިވްވެ 59,266 މީހުން ވަނީ މަރުވެފަ އެވެ.