ޑްރޯން ބޭނުންކޮށްގެން ސިންގަޕޫރުން ޑެލިވަރީގެ ޚިދުމަތް ދެނީ

ސިންގަޕޫރު (އެޕްރީލް 30) - ޑްރޯން ބޭނުންކޮށްގެން ސިންގަޕޫރުގައި ޑެލިވަރީގެ ޚިދުމަތް ދޭން ފަށައިފި އެވެ.


ޑްރޯން ޑެލިވަރީގެ ފުރަތަމަ ޚިދުމަތެއްގެ ގޮތުން ވަނީ ކަނޑު ބޯޓަކަށް ވިޓަމިންސް ފޯރުކޮށްދީފަ އެވެ. ޑްރޯން އޮޕަރޭޓަރު ބުނީ މިއީ ކޮރޯނާވައިރަސް ފެތުރޭ ދުވަސްވަރަކަށްވުމުން، މީހުންނާ ކޮންޓެކްޓްވުން މަދުކުރުމުގެ ގޮތުން ޑްރޯން ޑެލިވަރީ އަކީ މުހިންމު ޚިދުމަތެއް ކަމަށެވެ.

އީސްޓަން ޕެސިފިކް ޝިޕިން ކުންފުނީގެ ބޯޓަށް ވަނީ ޑްރޯންގެ އެހީގައި ދެ ކިލޯގެ ވިޓަމިންސް ފޯރުކޮށްދީފަ އެވެ. އެފް-ޑްރޯން އިން މި ޚިދުމަތް ދީފައި ވަނީ އެޕްރީލް 19 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް 2.7 ކިލޯމީޓަރު (1.7 މޭލު) ގެ ޑްރޯން ދަތުރަށް ހޭދަވެފައި ވަނީ ހަތް މިނިޓެވެ.

"ޑެލިވަރީ ޑްރޯންގެ ޚިދުމަތް ބަރާބަރުވުމުގެ އިތުރުން، ކޮރޯނާވައިރަސް ފެތުރޭ ދުވަސްވަރަކަށްވެފައި، މީހުންނާ ކޮންޓެކްޓްވުން މަދުކުރަން ވެސް އެއީ މުހިންމު ޚިދުމަތެއް،" އެފް-ޑްރޯންސްގެ ޗީފް އެގްޒެކެޓިވް ނިކޮލަސް އަންގް ވިދާޅުވި އެވެ.

އެފް-ޑްރޯންސް އިން ބުނީ 100 ކިލޯ މީޓަރު ދުރުގައިވާ އުޅަނދު ފަހަރަށް 100 ކިލޯގެ ތަކެތި ޑެލިވާ ކުރެވޭވަރުގެ ޑްރޯނެއް އަންނަ އަހަރުގެ ފަހުކޮޅު އުފެއްދުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ. ކަނޑުމަތީގެ އުޅަނދުތަކަށް މިހާރު ތަކެތި ފޯރުކޮށްދެނީ ކުޑަ ބޯޓު ފަހަރާއި ހެލިކޮޕްޓަރުގެ އެހީގަ އެވެ.

ޑްރޯން ބޭނުންކޮށްގެން ބައެއް ޚިދުމަތްތައް ދިނުމަކީ 5.7 މިލިއަން މީހުންގެ އާބާދީއެއް އޮތް ސިންގަޕޫރުގެ ޓެކްނޮލޮޖީގެ އާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.