ކޮވިޑް-19 އަށް ފަހު ލަންކާގެ އިގްތިސާދަށް ޗައިނާއިން އެހީވަނީ

ކޮލަމްބޯ (އެޕްރީލް 30) - ކޮވިޑް-19 އަށް ފަހު އިގްތިސާދީ ގޮތުން ސްރީ ލަންކާ އަރައިގަތުމަށް ކުރާ މަސައްކަތުގައި ޗައިނާގެ އެހީ ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުގެ އެމްބަސީގެ ޝާޒެ ޑެފެއާޒް ހު ވެއި ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް ދެއްވައިފި އެވެ.


ޗައިނާ އާއި ލަންކާގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުމާ ބެހޭ ގޮތުން ދެ ބޭފުޅުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ހޫ ވެއި ވަނީ ދާދި ފަހުން ޗައިނާ އިން ސްރީ ލަންކާ އަށް ހަދިޔާކުރި ތަކެތީގެ ލިސްޓެއް ރައީސް އަށް އަރުވައިފަ އެވެ.

"ސްރީ ލަންކާ އަކީ ޗައިނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް. ޗައިނާ އަށް ކޮވިޑް-19 ގެ ކަންތައްގަނޑު ދިމާވިއިރު ލަންކާ އޮތީ ޗައިނާއާ އެކު. އެހެންވެ ކޮރޯނާވައިރަހަށް ފަހު އިގްތިސާދީ ގޮތުން ލަންކާ އަށް ދެވޭނެ އެންމެ ބޮޑު އެހީތެރިކަމެއް ޗައިނާ އިން ދޭނެ،" ހޫ ވެއި ވިދާޅުވި އެވެ. "ކޮރޯނާވައިރަހާ ދެކޮޅަށް ލަންކާ އިން ކުރާ މަސައްކަތުގައި ވެސް ޗައިނާ އިން އެހީތެރިވެދޭނެ."

ރައީސް ރާޖަޕަކްސާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ލަންކާގެ އިގްތިސާދަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ބޭރު ފައިސާގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޗައިނާ އިން ދާދި ފަހުން ލަންކާ އަށް ވަނީ 500 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.