ވައިރަސް ފެތުރުން އަދިވެސް ކޮންޓްރޯލެއް ނުވޭ: ލަންކާ

ކޮލަމްބޯ (މެއި 4) - ކޮރޯނާވައިރަސް ފެތުރުން 100 ޕަސެންޓް ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އަދި ނުބުނެވޭނެ ކަމަށް ސްރީ ލަންކާގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު އަނިލް ޖަސިންހަ ވިދާޅުވެއްޖެ އެވެ.


އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސްރީ ލަންކާގައި ކޮވިޑް-19 ގެ ހާލަތު އޮތީ "އަތުން ދޫވެފައި" ކަމަށް ވެސް ނުބުނެވޭނެ ކަމަށެވެ.

ލަންކާގައި ވައިރަސް ފެތުރުން ކޮންޓްރޯލް ނުވާ އިރު އެ ގައުމުގެ ލޮކްޑައުން މިހާރު ވަނީ މި މަހު 11 އާ ހަމައަށް އިތުރުކޮށްފަ އެވެ. ގައުމުގައި ކާފިއު ހިންގާފައިވީ ނަމަވެސް ލަންކާގެ އެންމެ ބޮޑު ބުޑިސްޓް ފެސްޓިވަލް ކަމަށްވާ ވެސަކް މި އަހަރު ފާހަގަ ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް އާއްމުން އެއްވުން ވަނީ މަނާކޮށްފަ އެވެ.

ވެސަކް ފެސްޓިވަލް ފަށާނީ ބުރާސްފަތި ދުވަހު އެވެ. ޖަސިންހަ ވިދާޅުވީ އިވެންޓުގެ ކުރިންނާއި ފަހުން ވެސް ސިއްހީ ގައިޑްލައިންތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ސޯޝަލް ޑިސްޓެންސިން، އަތްދޮވުން، މާސްކް އެޅުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ވެސަކް ޑޭ ފާހަގަކުރުމަށް ލަންކާގައި މީގެ ކުރިން އެތައް ބަޔަކު މަގުތަކަށް ނުކުމެ އެވެ.

މާޗް 20 އިން ފެށިގެން ލަންކާ ވަނީ ލޮކްޑައުންގަ އެވެ. އެޕްރީލް 27 އިން މެއި 4 އަށް އިތުރު ކުރި ލޮކްޑައުން މިއަދު ނިމެން އޮތް ނަމަވެސް މިހާރު ވަނީ މެއި 11 އަށް ދަންމާލައިފަ އެވެ.

ލަންކާ އިން މިހާތަނަށް ވަނީ 718 މީހުން ޕޮޒިޓިވްވެ ހަތް މީހުން މަރުވެފަ އެވެ. އެންމެ ބޮޑު ކްލަސްޓާއަކީ ކޮލަމްބޯއާ ކައިރީގައިވާ ކަނޑުގެ ސިފައިންގެ މަރުކަޒެކެވެ. ސިފައިންނާއި އެ މީހުންގެ އާއިލާތައް ތިބޭ 4،000 މީހުންގެ އެ ކޭމްޕުން 250 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މަރުކަޒު މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ.