ވެކްސިން އުފައްދަން ގައުމުތަކުން 8 ބިލިއަން ޑޮލަރު، އެމެރިކާ އިން އެހީއެއް ނުވި

ޖެނީވާ (މެއި 6) - މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް ފައިސާ ހޯދުމަށް ބޭއްވި ފަންޑް ހޯދުމުގެ އިވެންޓުގައި ދުނިޔޭގެ ލީޑަރުންނާއި ޖަމާއަތްތަކުން އަދި ވަކިވަކި ފަރުދުން ބައިވެރިވެ 8 ބިލިއަން ޑޮލަރު ހަމަކުރި އިރު އެކަމަށް އެހީތެރިވާން އެމެރިކާ އިން ދެކޮޅު ހަދައިފި އެވެ.


ފަންޑަށް ފައިސާ ދޭނެ ކަމަށް ބުނި ގައުމުތަކުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއި އީޔޫގައި ނުހިމެނޭ އިނގިރޭސި ވިލާތާއި ނޯވޭ އަދި ސައުދީ އަރަބިއާ ހިމެނެ އެވެ. ހޯމަ ދުވަހު ބޭއްވި ވާޗުއަލް އިވެންޓުގައި ޖަޕާން، ކެނެޑާ، ސައުތު އެފްރިކާ އަދި ޗައިނާ އިން ބައިވެރިވެފައިވެ އެވެ. ލަވަ ކިޔުންތެރިޔާ މެޑޯނާ ވަނީ އެއް މިލިއަން ޔޫރޯ (1.08 މިލިއަން ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.

އީޔޫގެ ޑިޕްލޮމެޓުން ބުނެފައި ވަނީ ފަންޑް ހޯދުމުގެ އިވެންޓުގައި، ކޮރޯނާވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އެމެރިކާ އިން ބައިވެރިވެފައި ނުވާ ކަމަށެވެ. އެމެރިކާ އިން ބައިވެރި ނުވި ސަބަބު އެ ގައުމުގެ އޮފިޝަލުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް އެމެރިކާ އިން ދޭ އެހީ ވެސް ހުއްޓާލައްވައިފަ އެވެ.