ކޮރޯނާވައިރަސް: އެމެރިކާގެ ތާރީޚުގައި ވެސް ދިން އެންމެ ބޮޑު ހަމަލާ، ތުހުމަތު ޗައިނާ އަށް

ވޮޝިންޓަން (މެއި 8) - ކޮރޯނާވައިރަހަކީ އެމެރިކާގެ ތާރީޚުގައި ވެސް ދިން އެންމެ ބޮޑު ހަމަލާ ކަމަށާއި އެ ކަމުގެ ފަހަތުގައި ވަނީ ޗައިނާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފި އެވެ.


ޓްރަމްޕް ވިދާޅުވީ ކޮވިޑް-19 އަކީ ޖަޕާނުން ދެ ވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާގެ ޕާލް ހާބަރަށް ދިން ބޮމުގެ ހަމަލާ އަދި ސެޕްޓެމްބަރު 11 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް ވުރެ ބޮޑު ހަމަލާއެއް ކަމަށެވެ. ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ވައިރަސް ކޮންޓްރޯލް ކުރުމުގައި އެ ގައުމުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ އެމެރިކާ އިން ވަނީ ޗައިނާއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބުނެފަ އެވެ. ޗައިނާ އިިން ބުނެފައި ވަނީ އެމެރިކާ އިން ރޯގާ ކޮންޓްރޯލް ކުރަން ނޭނގުމުން އެ ކަމުގެ ބަދުނާމު އެހެން ގައުމެއްގެ ބޮލުގައި އަޅުވަނީ ކަމަށެވެ.

"އެމެރިކާ އަށް ދިން ބޮޑެތި ހަމަލާތަކުން ވެސް ވަނީ ސަލާމަތްވެފައި. އެކަމަކު މިއީ އެންމެ ބޮޑު ހަމަލާ. ޕާލް ހާބަރު ބޮމުގެ ހަމަލާ އާއި ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލުމަށް ވުރެ ވެސް ވައިރަހުގެ ހަމަލާ ބޮޑު،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ތަކުރާރުކޮށް ގެންދަވަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބެއްގައި އުފައްދާ ދޫކުރި އެއްޗެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އެ ގޮތަށް ކަންތައް ކޮށްފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުން އެމަނިކުފާނަނަށް ކާމިޔާބުވާން ޗައިނާ އިން ނޭދޭތީ ކަމަށް ވެސް ވިދާޅުވި އެވެ. ޓްރަމްޕުގެ ތުހުމަތު ޗައިނާ އިން ދޮގު ކުރެ އެވެ.

އެމެރިކާ އިން މިހާތަނަށް ވަނީ 1,292,879 މީހުން ޕޮޒިޓިވްވެ 76,922 މީހުން މަރުވެފަ އެވެ.