ޔުނެސްކޯ އަށް އެއްބާރުލުން ނުދޭން އިޒްރޭލުން ނިންމައިފި

ގުދުސް (އޮކްޓޯބަރު 16) - ގުދުސް އާއި އަގްސާ މިސްކިތަކީ ޔަހޫދީންނާ ގުޅުމެއް ނެތް ތަންތަން ކަމަށް ޔުނެސްކޯ އިން ނިންމުމާ ގުޅިގެން އެ ޖަމާއަތަށް އެއްބާރުލުން ނުދޭން އިޒްރޭލް ސަރުކާރުން ނިންމައިފި އެވެ.


އިޒްރޭލުގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ޔުނެސްކޯ އިން ޑްރާފްޓްކޮށްފައިވާ ނިންމުމުގައިވާ ގޮތުން ގުދުސްގެ ތާރީޚު އޮޅުވާލާފައިވާ ކަމަށާއި އެއީ ޓެރަރިޒަމަށް ހިތްވަރު ދޭ ނިންމުމެއް ކަމަށެވެ. ޔުނެސްކޯގެ ނިންމުމުގައި ވަނީ އަގްސާ މިސްކިތަކީ މުސްލިމުން ތަނެއް ކަމަށް ބުނެފަ އެވެ. ޔުނެސްކޯގެ ގަރާރުގެ މަގްސަދަކީ ފަލަސްތީނާއި އިރުމަތީ ގުދުސްގެ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމެވެ. އަދި ޔުނެސްކޯ އިން ވަނީ އަގްސާ އަށް އަޅުކަން ކުރަންދާ މުސްލިމުންނަށް އިޒްރޭލުން ހުރަސް އަޅާ ބާރުގެ ބޭނުން ކުރާތީ އެކަން ކުށްވެރިކޮށްފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ އެއީ ސިޔާސީ ނިންމުމެއް ކަމަށެވެ.

ގުދުސްއާ ބެހޭ ގޮތުން ޔުނެސްކޯގެ ނިންމުން ދެން ހުށަހަޅާނީ އެގްޒެކެޓިވް ކޮމިޓީ އަށް. --ފޮޓޯ:އޭއެފްޕީ

ޔުނެސްކޯގެ ޑްރާފްޓް ފާސްކޮށްފައި ވަނީ 24 ވޯޓުންނެވެ. ދެކޮޅަށް ހަ ގައުމުން ވޯޓު ދިން އިރު ވަކިކޮޅަކަށް 26 ގައުމުން ވޯޓު ނުދެ އެވެ. މި ގަރާރު ދެން ހުށަހަޅާނީ ޔުނެސްކޯގެ އެގްޒެކެޓިވް ކޮމިޓީއަށެވެ.

އިޒްރޭލުގެ އެޑިއުކޭޝަން މިނިސްޓަރު ނަފްތަލީ ބެނެޓް ވިދާޅުވީ ގުދުސްއާ ޔަހޫދީންނާ އެތައް ހާސް އަހަރެއް ވަންދެން އޮތް ގުޅުން ޔުނެސްކޯ އިން ހަނދާން ނައްތާލާފައިވާ ކަމަށެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ޓެމްޕަލް މައުންޓާއި ވެސްޓަން ވޯލްއާ އިޒްރޭލާ ގުޅުމެއް ނެތް ކަމަށް ބުނުމަކީ ޗައިނާ އާއި ގްރޭޓް ވޯލްއާ ގުޅުމެއް ނެތް ކަމަށް ބުނުމާ އަދި މިސްރާއި ޕިރަމިޑްތަކާ ގުޅުމެއް ނެތް ކަމަށް ބުނުން ފަދަ ކަމެއް ކަމަށެވެ.

ޔުނެސްކޯގެ ނިންމުމަށް ފަލަސްތީނުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

"މިއީ އިޒްރޭލަށް ދިން ރަނގަޅު މެސެޖެއް. އަދި މިއީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކުން ފައިބައި ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅާފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ޖެހޭނެ ފަދަ ކަމެއް،" ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާން ނަބީލް އަބޫ ރުދައިނާ ވިދާޅުވި އެވެ.