ސިންގަޕޫރުގައި ވެސް ޕޮޒިޓިވް، ނެގެޓިވް މައްސަލަ ދިމާވެއްޖެ

ސިންގަޕޫރު (މެއި 11) - ކޮރޯނާވައިރަހަށް ޕޮޒިޓިވް ކަމަށް ސިންގަޕޫރުގައި ދެއްކި 33 ކޭސް އަކީ "އޮޅިގެން ޕޮޒިޓިވްވި" ކޭސްތަކެއް ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.


ލެބޯޓްރީ ޓެސްޓްތަކުން އޮޅިގެން ޕޮޒިޓިވް ކަމަށް ދެއްކި މީހުންގެ ތެރޭގައި ކޮމިއުނިޓީ ކެއާ ފެސިލިޓީއެއްގައި މަސައްކަތް ކުރާ ހެލްތު ވޯކަރެއް ވެސް ހިމެނެ އެވެ.

"މިނިސްޓްރީން ގެންދަނީ ލެބޯޓްރީ ޓެސްޓްތައް ގަވައިދުން ރިވިއު ކުރަމުން. އެކަމުގެ ތެރޭން ދާދި ފަހުން ވަނީ 33 ކޭސް ފާހަގަ ކުރެވިފައި. އެއީ ޓެސްޓް ކިޓެއްގެ ކެލިބަރޭޝަން މައްސަލައަކުން ދިމާވި ކަމެއް،" ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. "މައްސަލަ ހައްލު ކުރަން އެ ލެބޯޓްރީގެ ހުރިހާ ޓެސްޓްތަކެއް ވެސް ވަނީ ހުއްޓާލާފައި."

"ޕޮޒިޓިވް" 33 ކޭސް ނޭޝަނަލް ޕަބްލިކް ހެލްތު ލެބޯޓްރީން ޓެސްޓް ކުރުމުން ވަނީ ނެގެޓިވް ކަމަށް ދައްކައިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އޮޅިގެން ޕޮޒިޓިވްވި ކަމަށް ދެއްކި މީހުންގެ ތެރޭގައި ކޭސް 20،844 ގެ ގޮތުގައި 43 އަހަރުގެ މީހަކު ފާހަގަ ކުރެވުނު ކަމަށެވެ. އެއީ ކެއާ ފެސިލިޓީއެއްގައި ރޭޑިއޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އެއީ ބަލި އުޅޭ އެއްވެސް ސަރަހައްދަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އެހެންވެ ޝައްކު ކުރެވޭ ކޭސްތައް ވަނީ ރީ-ޓެސްޓިން އަށް ނޭޝަނަލް ޕަބްލިކް ހެލްތު ލެބޯޓްރީ އަށް ފޮނުވައިފަ އެވެ. ދެ ވަނަ ޓެސްޓުގެ ނަތީޖާ ލިބެންދެން އެންމެން ވެސް ތިބީ އެކަހެރިކޮށްފަ އެވެ.

ސިންގަޕޫރުން މިހާތަނަށް ވަނީ 23,822 މީހުން ޕޮޒިޓިވްވެ 21 މީހުން މަރުވެފަ އެވެ.