ކޮވިޑް-19: ސްޕޭނުގެ އުމުރުން އެންމެ ދުވަސްވީ މީހާ ބަލިން ސަލާމަތްވެއްޖެ

މެޑްރިޑް (މެއި 13) - ސްޕޭނުގެ އުމުރުން އެންމެ ދޮށީ މީހާގެ ގޮތުގައި ބަލާ 113 އަހަރުގެ އަންހެނަކު ކޮވިޑް-19 ޖެހި، އެ ބަލިން މިހާރު މުޅިން ރަނގަޅުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


މާރިއާ ބްރަންޔަސް އަށް ކޮވިޑް-19 ޖެހުނީ މާޗް މަހު ސްޕޭން ލޮކްޑައުނަށް ދިޔަ ފަހުންނެވެ.

ބައްޔަށް ޕޮޒިޓިވްވުމާ އެކު ބްރަންޔަސް ވަނީ އައިސޮލޭޝަންގައި ދުވަސްތައް ހޭދަކޮށްފަ އެވެ. އޭނާގެ ކިބައިން ފެނިފައި ވަނީ ވެސް ބަލީގެ އެންމެ އާދައިގެ އަލާމަތްތަކެވެ.

ބްރަންޔަސް ވަނީ 1918-1919 ގެ ސްޕެނިޝް ފްލޫ އާއި 1936-1939 ގެ ސްޕޭނުގެ މަދަނީ ހަނގުރާމަ އަދި ކޮރޯނާވައިރަސް ތަޖްރިބާކޮށްފަ އެވެ.

މެކްސިކޯގައި 1907 ވަނަ އަހަރު އުފަންވި ބްރަންޔަސް ވަނީ ދެ އަހަރު ފަހުން ސެން ފްރެންސިސްކޯ އަށް ބަދަލުވެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ބައްޕައާ އެކު ސްޕޭނަށް ބަދަލުވެފަ އެވެ. ބްރަންޔަސްގެ ބައްޕަ އަކީ ސްޕޭން މީހެކެވެ. ބްރަންޔަސް އަށް ވަނީ ތިން ދަރިން ލިބިފަ އެވެ. އޭގެ ތެރޭން އެއް ދަރިއަށް ދާދި ފަހުން ވަނީ 86 އަހަރު ފުރިފަ އެވެ. އޭނާގެ 11 މާމަ ދަރިންގެ ތެރޭން އެންމެ ދޮށީ ދަރީގެ އުމަރަކީ 60 އަހަރެވެ. ސްޕޭނުގައި އުމުރުން ދުވަސްވީ މީހުން ގެންގުޅޭ މަރުކަޒެއްގައި ބްރަންޔަސް އުޅޭތާ ވިއްސަކަށް އަހަރުވެއްޖެ އެވެ.