ކޮވިޑް-19 އަށް ފަރުވާ ދޭ ބޭސް އުފައްދަން އިންޑިއާ، ޕާކިސްތާން ކުންފުނިތަކަށް

ކެލިފޯނިއާ (މެއި 17) - ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބައެއް ގައުމުތަކުގައި މިހާރު ބޭނުން ކުރާ ރެމްޑެސެވިއާ ބޭސް އުފައްދަން އިންޑިއާ އާއި ޕާކިސްތާނުގެ ފަސް ކުންފުންޏަކަށް އެމެރިކާގައި އެ ބޭސް އުފައްދާ ފާމަޝޫޓިކަލް ކުންފުނިން ހަވާލުކޮށްފި އެވެ.


ކެލިފޯނިއާގެ ގިލިއާޑް ސައެންސް އާއި އިންޑިއާ އަދި ޕާކިސްތާނުގެ ފަސް ކުންފުންޏާ އެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން 127 ގައުމަށް ބޭނުންވާ ވަރަށް ބޭސް އުފެއްދޭނެ ކަމަށްވެ އެވެ. ރެމްޑެސެވިއާ ބޭނުން ކުރުމުން ކޮވިޑް-19 ބަލިން ރަނގަޅުވާ މުއްދަތު 15 ދުވަހުން 11 ދުވަހަށް އަވަސްވާ ކަމަށް ވަނީ ކްލިނިކަލް ޓެސްޓްތަކުން ދައްކައިފަ އެވެ. ރެމްޑެސެވިއާ އެންމެ ފުރަތަމަ އުފެއްދީ އެބޯލާ އަށް ފަރުވާ ދިނުމަށެވެ.

އިންޑިއާ ޕާކިސްތާނުގެ ފަސް ކުންފުންޏާއި ގިލިއާޑާ ދެމެދު ގާއިމްކުރި ލައިސަންސިން އެއްބަސްވުމުގައިވާ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންދެން ނުވަތަ ކޮރޯނާވައިރަހަށް އެހެން ފަރުވާއެއް ހޯދެންދެން ރޯޔަލްޓީ-ފްރީ ވާނެ އެވެ.

ރެމްޑެސެވިއާ އުފެއްދުމުގެ ހުއްދަ ގިލިއާޑް ކުންފުނިންދީފައި ވަނީ ޕާކިސްތާނުގެ ފީރޯޒްސަންސް ލެބޯޓްރީޒް އާއި އިންޑިއާގެ ސިޕްލާ ލިމިޓެޑް، ހީޓެރޯ ލެބްސް ލިމިޓެޑް، ޖުބިލަންޓް ލައިފްސައެންސަސް އަދި މީލަން ފާމަޝޫޓިކަލްސް ޕްވައިވެޓް ލިބިޓެޑަށެވެ.

ހައިދަރުއާބާދުގެ އެއް ބިލިއަން ޑޮލަރުގެ އަގުހުރި ހެޓެރޯ ލެބް އިން ބުނީ ބޭހުގެ އަގާއި ބޭސް އުފައްދަން ފަށާނެ އިރެއް އަދި ނޭނގޭ ކަމަށެވެ. އެ ކުންފުނިން ދަނީ ދުނިޔޭގެ 36 މެނުފެކްޗާރިން ފެސިލިޓީގައި 300 އަށް ވުރެ ގިނަ ބޭސް އުފައްދަމުންނެވެ.

ކޮވިޑް-19 ގެ ބަލި މީހުންނަށް އިމަޖެންސީ ހާލަތްތަކުގައި ފަރުވާ ދިނުމަށް އެމެރިކާގައި ރެމްޑެސެވިއާ ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަނުން ވަނީ ދީފަ އެވެ.