ލަންކާ އިން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރެވިއްޖެ: ހެލްތު މިނިސްޓްރީ

ކޮލަމްބޯ (މެއި 17) - ކޮރޯނާވައިރަސް ފެތުރުން ސްރީ ލަންކާގައި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.


ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ޕަބާ ޕަލިހަވަނަދަނާ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މުޖްތަމައު ތެރޭގައި ބަލި ފެތުރުން ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ސިއްހީ ގައިޑްލައިންތަކަށް އެންމެންވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ޑރ. ޕާބާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ސޯޝަލް ޑިސްޓެންސިްން އާއި ގިނަގިނައިން އަތްދޮވުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭރަށް ނުކުންނަ އިރު މާސްކް އަޅަން ޖެހޭނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ޕަބާ ޕަލިހަވަނަދަނާ. --ފޮޓޯ:ކޮލަމްބޯގެޒެޓް

ލަންކާގައި ފަހަކަށް އައިސް އެންމެ ބޮޑަށް ވައިރަސް ފެތުރުނީ ކަނޑުގެ ސިފައިންގެ މަރުކަޒެއްގަ އެވެ. ނަމަވެސް މިހާރު ވަނީ އެ ކޭމްޕުން ވެސް ވައިރަސް ކޮންޓްރޯލްކޮށްފަ އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސްރީ ލަންކާ 52 ދުވަހު ލޮކްޑައުން ކުރުމަށް ފަހު މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް ވަނީ ގައިޑްލައިންތަކެއް ތައާރަފްކޮށްފަ އެވެ. ލަންކާ ހުޅުވާލި ނަމަވެސް ކޮލަމްބޯ އާއި ގަމްޕަހާގައި ރޭގަނޑު 8 އިން ފަތިހު 5 އަށް ކާފިއު ދެމި އޮންނާނެ އެވެ.

ލަންކާ އިން މިހާތަނަށް ވަނީ 957 މީހުން ޕޮޒިޓިވްވެ ނުވަ މީހުން މަރުވެފަ އެވެ.