ކޮވިޑް-19: ވެކްސިން އުފެއްދުމުގައި އިންޑިއާ އަށް އަދާކުރެވޭނީ ކޮން ރޯލެއް؟

ނިއު ދިއްލީ (މެއި 19) - ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް އިންޑިއާ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ވިދާޅުވެފަ އެވެ.


އެކަމަކު އެމެރިކާގެ ޚާރިޖީ ވަޒީރުގެ އެ ބަސްފުޅަކީ އާ ވާހަކައެއް ނޫނެވެ. އިންޑިއާ އާއި އެމެރިކާ ގުޅިގެން، އެކިއެކި ބަލިތަކަށް އެކްސިން އުފެއްދުމުގެ މަސައްކަތް ކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ޑެންގީ، އެންޓެރިކް ބަލި، އިންފްލުއެންޒާ އަދި ޓީބީ ފަދަ ބަލިތައް ހުއްޓުވުމުގެ މަސައްކަތް ދެ ގައުމު ގުޅިގެން ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ޑެންގީގެ ވެކްސިންގެ ތަހުލީލު މަރުހަލާތައް މާލަސްތަކެއް ނުވެ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މުޅި ދުނިޔެ އަށް ބެލި ނަމަވެސް އިންޑިއާ އަކީ ޖެނެރިކް ބޭސްތަކާއި ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ. ޕޯލިއޯ، މެނިންޖައިޓިސް، ނިއުމޯނިއާ، ބީސީޖީ، މީސަލްސް، ކޯފުއްޕި އަދި ރުބެއްލާ ފަދަ ބަލިތަކަށް ވެކްސިން އުފެއްދުމުގައި އިންޑިއާ އުޅެނީ ވަރަށް ކުރީގަ އެވެ.

އެހެންވެ ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގެ މަސައްކަތް އިންޑިއާގެ ކުންފުނިތަކުން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭން އެއް ކުންފުންޏަކީ ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާ އެވެ. އެއީ އުފައްދާ ޑޯޒާއި ވިއްކޭ އަދަދަށް ބަލާއިރު ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ކުންފުންޏެވެ. ޕޫނޭގެ އިތުރުން ނެދަލޭންޑްސް އާއި ޗެކް ރިޕަބްލިކްގައި ފެކްޓަރީ ގާއިމްކޮށްފައިވާ 53 އަހަރުވީ ކުންފުނިން އަހަރެއްގެ ތެރޭ 1.5 ބިލިއަން ޑޯޒް އުފައްދަ އެވެ. އެ ކުންފުނީގައި 7،000 މީހުން މަސައްކަތް ކުރެ އެވެ.

އިންޑިއާގައި ހިންގާ ސީރަމް އިންސްޓްޓިއުޓަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު އެއް ކުންފުނި.

ސީރަމް އިންސްޓްޓިއުޓް އިން 165 ގައުމަކަށް 20 އަށް ވުރެ ގިނަ ވެކްސިން ސަޕްލައިކޮށްދެ އެވެ. ކުންފުނީގެ އުފެއްދުންތަކުގެ 80 ޕަސެންޓަކީ އެކްސްޕޯޓެވެ. ޑޯޒެއް ވިއްކަނީ ގާތްގަނޑަކަށް 50 ސެންޓަށެވެ. މިއީ މުޅި ދުނިޔެ އަށް ބެލި ނަމަވެސް އެންމެ އަގު ހެޔޮ ރޭޓެވެ.

ސީރަމް އިންސްޓްޓިއުޓް އިން މިހާރު އަންނަނީ އެމެރިކާގެ ބަޔޯޓެކް ކުންފުންޏެއް ކަމަށްވާ ކޮޑަޖެނިކްސްއާ ގުޅިގެން ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ސީރަމް އިންސްޓްޓިއުޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދާ ޕޫނަވައްލާ ވިދާޅުވީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ތައްޔާރު ކުރާ ވެކްސިން އުފެއްދުމަށް ވެސް އެ ޔުނިވާސިޓީއާ އެކު ޕާޓްނަޝިޕެއް ގާއިމްކޮށްފައިވާ ކަމަށެވެ. ހުރިހާ ކަމެއް ޕްލޭނާ އެއްގޮތަށް ހިނގައްޖެ ނަމަ ސެޕްޓެމްބަރާ ހަމައަށް އެއް މިލިއަން ޑޯޒް އުފެއްދޭނެ ކަމަށް ސައެންސްވެރިން ލަފާކުރެ އެވެ.

ހައިދަރުއާބާދުގެ ކުންފުންޏެއް ކަމަށްވާ ބާރަތު ބަޔޯޓެކް އިން ވަނީ އެމެރިކާގެ ވިސްކޮންސިން ޔުނިވާސިޓީ އާއި ފްލޫޖެންއާ ގުޅިގެން 300 މިލިއަން ޑޯޒުގެ ވެކްސިން އުފެއްދުމަށް ޕާޓްނަޝިޕް އެއްބަސްވުމެއް ހަދައިފަ އެވެ.

ނަމަވެސް މާ އަވަސް ކުރިމަގެއްގައި ކޮރޯނާވައިރަހަށް ވެކްސިނެއް ލިބިދާނެ ކަމަށް އުއްމީދު ނުކުރަން ސައެންސްވެރިން ވަނީ ބުނެފަ އެވެ. ލަންޑަނުގެ އިމްޕީރިއަލް ކޮލެޖުގެ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ނަބައްރޯ ވިދާޅުވީ ކޮރޯނާވައިރަހާ އެކު އިންސާނުން ދުވަސްތަކެއް ވަންދެން އުޅެން ޖެހޭނެ ކަމަށާއި ސަބަބަކީ މާ އަވަހަށް ކާމިޔާބު ވެކްސިނެއް އުފެއްދޭނެކަމުގެ ގެރެންޓީ ނެތުމުން ކަމަށެވެ.