ކޮވިޑް-19: ބަލި ޖެހުނު މީހުންގެ އަދަދު 5 މިލިއަނަށް

ޖެނީވާ (މެއި 20) - މުޅި ދުނިޔޭގައި އަދިވެސް ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ފަސް މިލިއަނަށް މިރޭ އަރައިފަ އެވެ.


މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ރޯގާގައި މިހާތަނަށް ވަނީ 325,625 މީހުން މަރުވެފަ އެވެ. އެއްވެސް ފަރުވާއެއް އަދި މިހާތަނަށް ހޯދިފައި ނުވި ނަމަވެސް މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1,980,118 އަށް އަރައިފަ އެވެ. އެހެންވެ ފަރުވާ ދޭން ޖެހޭ ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 2,712,193 މީހުންނެވެ.

މުޅި ދުނިޔެ އިން ކޮވިޑް-19 ޖެހުނު ފަސް މިލިއަން މީހުންގެ ތެރޭން 1,573,073 މީހުން ތިބީ އެމެރިކާގަ އެވެ. އެ ގައުމުން ވަނީ 93,653 މީހުން މަރުވެފަ އެެވެ. ދެ ވަނަ އަށް އެންމެ ގިނަ ބަލި މީހުން ތިބި ރަޝިޔާގެ 308,705 މީހުންނަށް ބަލި ޖެހުނު އިރު އެ ގައުމުން މަރުވެފައި ވަނީ 2،972 މީހުންނެވެ. ސްޕޭނުން 278،803 މީހުން ޕޮޒިޓިވްވި އިރު މަރުވެފައި ވަނި 27،778 މީހުންނެވެ. އެންމެ ހަލުވިކަމާ އެކު މިހާރު ބަލި ފެތުރޭ ބްރެޒިލުން ވަނީ 271،885 މީހުންނަށް ކޮވިޑް-19 ޖެހި 17،983 މީހުން މަރުވެފަ އެވެ. އިނގިރޭސި ވިލާތުން 248,818 މީހުން ޕޮޒިޓިވްވެ 35,341 މީހުން މަރުވެފައިވާ އިރު އިޓަލީން ވަނީ 226,699 މީހުން ޕޮޒިޓިވްވެ 32,169 މީހުން މަރުވެފަ އެވެ. ފްރާންސް އިން 180,809 މީހުންނަށް ބަލި ޖެހި 28,022 މީހުން މަރުވެފައިވާ އިރު ޖަރުމަނުން ވަނީ 177,989 މީހުން ޕޮޒިޓިވްވެ 8,209 މީހުން މަރުވެފަ އެވެ.

ޔޫރަޕުން މިހާރު ވަނީ ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް ލޮކްޑައުން އުވާލަން ފަށައިފަ އެވެ.