އެއް ދުވަސް ތެރޭ ރެކޯޑް އަދަދަކަށް ބަލިޖެހިއްޖެ، އަވަހަށް ނިމޭކަށް ނެތް

ޖެނީވާ (މެއި 21) - މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން އެއް ދުވަސް ތެރޭ ރެކޯޑް އަދަދަކަށް މީހުންނަށް ބަލި ޖެހި މި ރޯގާ އިން އަވަހަށް ސަލާމަތް ވެވެން ނެތްކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ދީފި އެވެ.


ޑަބްލިއުއެޗްއޯ އިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 106،000 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިހާތަނަށް އެއް ދުވަސް ތެރޭ މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައެއް ނުވެ އެވެ. މީގެ ތެރޭން ތިން ކުޅަ ދެބައި މީހުން ޕޮޒިޓިވްފެފައި ވަނީ ހަތަރު ގައުމަކުންނެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސް ވަނީ މެދު ފަންތީގެ އަދި ފަގީރު ގައުމުތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާތީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ޑަބްލިއުއެޗްއޯގެ މި އިންޒާރު އައި އިރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ ފަސް މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ. ހަތަރު މިލިއަނުން ފަސް މިލިއަނަށް އަރާފައި ވަނީ ދެ ހަފުތާ އަށް ވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ތަޖްރިބާކާރުން ބުނަނީ ގިނަ ގައުމުތަކުގައި ރަނގަޅަށް ޓެސްޓް ކުރާ ނަމަ އަދަދު މިއަށް ވުރެ ވެސް މަތިވާނެ ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ ކޮރޯނާވައިރަހުން ސަލާމަތްވާން އަދިވެސް ދިގު މުއްދަތެއް އެބައޮތް ކަމަށެވެ. ޑަބްލިއުއެޗްއޯގެ މި އިންޒާރު ދިން އިރު އެމެރިކާ ފަދަ ގައުމުތަކުން ވަނީ ލޮކްޑައުން އަށް ލުއިތައް ދޭން ފަށައި އިގްތިސާދު ހުޅުވާލަން ފަށައިފަ އެވެ. އެމެރިކާ އިން ވަނީ 1,593,039 މީހުން ޕޮޒިޓިވްވެ 95،000 މީހުން މަރުވެފަ އެވެ.

މުޅި ދުނިޔޭން މިހާތަނަށް 5,104,952 މީހުން ޕޮޒިޓިވްވި އިރު 329,997 މީހުން މަރުވެފައިވެ އެވެ. ރަނގަޅުވެފައި ވަނީ 2,034,790 މީހުންނެވެ.