ކޮވިޑް-19: މިއީ ޗައިނާ އިން ބަލި މީހަކު ރިޕޯޓްނުކުރާ ފުރަތަމަ ދުވަސް

ބެއިޖިން (މެއި 23) - ކޮވިޑް-19 ޖެހޭ މީހުންގެ ޑޭޓާ ޖެނުއަރީ މަހު ބަލަހައްޓަން ފެށި ފަހުން މިއަދަކީ ޗައިނާ އިން އެ ބައްޔަށް މީހަކު ޕޮޒިޓިވް ނުވާ ފުރަތަމަ ދުވަހެވެ.


ޗައިނާގެ މެދުތެރޭގެ ވޫހާން ސިޓީގައި ކޮރޯނާވައިރަސް ފެތުރޭކަން އެ ގައުމުން ފުރަތަމަ އެންގީ ޑިސެމްބަރު 31، 2019 ގަ އެވެ. ނަމަވެސް ފެބްރުއަރީ މަހު މެދުތެރޭގައި ޕީކަށް އެރުމަށް ފަހު ޗައިނާ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށްދާން ފަށައިފަ އެވެ. މާޗް 18 ވަނަ ދުވަހަކީ ވޫހާން ސިޓީން ބަލި މީހަކު ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފައި ނުވާ ދުވަހެވެ. ވޫހާންގެ ލޮކްޑައުން އުވާލައި އެ ސިޓީ ހުޅުވާލީ އެޕްރިލް 8 ގަ އެވެ.

ޗައިނާ އިން އެއްވެސް ބަލި މީހަކު މިއަދު ރިޕޯޓްކޮށްފައި ނުވާ އިރު އިއްޔެ ވަނީ އެ ގައުމުގެ ޕާލަމެންޓް ހުޅުވައިފަ އެވެ. ނޭޝަނަލް ކޮންގްރެސްގެ ބައްދަލުވުމުގައި ބޮޑު ވަޒީރު ލި ކެގިއަން ވިދާޅުވެފައި ވަނީ ކޮވިޑް-19އާ ދެކޮޅު ހަނގުރާމަ ޗައިނާ އިން ކާމިޔާބުކޮށްފައިވާ ކަމަށެވެ.

އާބާދީގައި 1.4 ބިލިއަން މީހުން ހިމެނޭ ޗައިނާ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 82,971 މީހުންނެވެ. އެ ގައުމުން މަރުވީ 4،634 މީހުންނެވެ. އެއްވެސް ފަރުވާއެއް އަދި ހޯދިފައި ނުވާ ބައްޔަށް މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 5,340,192 މީހުން ޕޮޒޮޓިވްވެ 340،735 މީހުން މަރުވެފަ އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ އަދި މަރުވި މީހުންނާ ގުޅޭ ގޮތުން ޗައިނާ އިން ހާމަކުރި މައުލޫމާތާ މެދު އެމެރިކާ އިން ވަނީ ސުވާލު އުފައްދައިފަ އެވެ. ނަމަވެސް ބެއިޖިން އިން ބުނެފައި ވަނީ އެއްވެސް ކަމެއް ސިއްރު ނުކުރާ ކަމަށެވެ.