ކޮވިޑް-19: އެމެރިކާ އިން މަރުވި މީހުން 100،000 އަށް

ވޮޝިންޓަން (މެއި 27) - ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވި މީހުންގެ އަދަދު 100،000 އަށް މިރޭ އަރައިފި އެވެ.


އެމެރިކާ އަކީ ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ލައްކަ އަކަށް އެރި ފުރަތަމަ ގައުމެވެ. އެ ގައުމުން މިހާތަނަށް ވަނީ 1,716,189 މީހުން ޕޮޒިޓިވްވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 469,064 މީހުންނެވެ.

ނިއު ޔޯކުން އެކަނިވެސް ވަނީ 373,406 މީހުން ޕޮޒިޓިވްވެ 29,392 މީހުން މަރުވެފަ އެވެ. ނިއު ޖާޒީން 157,168 މީހުން ޕޮޒިޓިވްވެ 11,197 މީހުން މަރުވެފައިވެ އެވެ. އިލިނޯއިސް އިން 112،017 މީހުން ޕޮޒިޓިވްވެ 4،884 މީހުން މަރުވެފައިވެ އެވެ.

އެމެރިކާ ފިޔަވައި ދެން އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ބްރެޒިލުން ވަނީ 377,780 މީހަކަށް ބަލި ޖެހި 23،622 މީހުން މަރުވެފަ އެވެ. ރަޝިޔާ އިން 362،342 މީހުން ޕޮޒިޓިވްވެ 3،807 މީހުން މަރުވެފައިވެ އެވެ. ސްޕޭނުން 283،339 މީހުން ޕޮޒިޓިވްވެފައިވާ އިރު މަރުވި މީހުންގެ އަދަދަކީ 27،117 އެވެ. އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން 37،048 މީހުން މަރުވިއިރު 265،227 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އިޓަލީން 230،555 މީހުން ޕޮޒިޓިވްވެ 32،955 މީހުން ވަނީ މަރުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ބަލީގައި މިހާތަނަށް މުޅި ދުނިޔެ އިން ވަނީ 350,061 މީހުން މަރުވެފަ އެވެ. ބަލިޖެހިފައިވާ މީހުންގެ އަދަދު ވަނީ 5,644,313 އަށް އަރައިފަ އެވެ.