ދެ މަސްތެރޭ ނުދާވަރަށް ސައުތު ކޮރެއާގައި ކޭސްތައް މައްޗަށް

ސޯލް (މެއި 28) - ވޭތުވެދިޔަ ދެމަސް ދުވަސްތެރޭ ނުދާ ވަރަށް ސައުތު ކޮރެއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ކޭސްތައް މިއަދު އިތުރުވެއްޖެ އެވެ.


ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި މޮޑެލް ގައުމެއްގެ ގޮތުގައި ބެލި ސައުތު ކޮރެއާ އިން ލޮކްޑައުން އަށް ލުއިދޭން ފެށުމާ އެކު ކްލާސްޓާތައް ވަނީ އިތުރުވާން ފަށައިފަ އެވެ. އަދި ދެ ވަނަ ރާޅެއްގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެކަމަކު ނިއު ނޯމަލް އަށް ދޫކޮށްލުމާ އެކު ސައުތު ކޮރެއާގައި އަނެއްކާ ވެސް ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށަން ޖެހިފަ އެވެ.

އޮފިޝަލުން ބުނެފައި ވަނީ މިއަދު އަލަށް 79 ކޭސް ފެނިފައިވާ ކަމަށެވެ. ގިނަ ކޭސްތައް ފެންނަން ފަށާފައި ވަނީ ވެރިރަށް ސޯލްގެ ބައިބޯ ހިސާބަކުންނެވެ. އީ-ކޮމާސް ކުންފުންޏެއްގެ ގުދަނެއްގައި މަސައްކަތް ކުރާ މީހުންގެ ތެރޭން ވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފަ އެވެ. އެ ގުދަނުގައި މަސައްކަތް ކުރާ މީހުންނާއި އެ އިމާރާތަށް ޒިޔާރަތް ކުރި މީހުންގެ ތެރޭން 4،100 މީހަކު މިހާރު ވަނީ އައިސޮލޭޓްކޮށްފަ އެވެ. އޭގެ ތެރޭން 80 ޕަސެންޓް މިހާރު ވަނީ ޓެސްޓްކޮށްފަ އެވެ.

ސައުތު ކޮރެއާގެ ވައިސް ހެލްތު މިނިސްޓަރު ކިމް ގޭންގް-ލިޕް ވިދާޅުވީ ގުދަނުގެ މަސައްކަތު މީހުންގެ ތެރޭން ޕޮޒިޓިވް ކޭސް އަދިވެސް އިތުރުވާނެ ކަމަށެވެ.

ސައުތު ކޮރެއާގައި ދާދި ފަހުން ވަނީ ސޯޝަލް ޑިސްޓެންސިން އަށް ލުއިދީ މިއުޒިމާއި ފައްޅިތައް ވެސް ހުޅުވައިފަ އެވެ. އަދި ޕްރޮފެޝަލް ބައެއް ކުޅިވަރުތައް ވެސް ވަނީ އާއްމުންނަށް ނުވަދެވޭ ގޮތަށް ބާއްވަން ފަށައިފަ އެވެ. މިދިޔަ ހަފުތާ އިން ފެށިގެން ދަރިވަރުން ވަނީ ސްކޫލްތަކަށް ދާން ފަށައިފަ އެވެ. ނަމަވެސް އާ ކޭސްތައް ފެންނަން ފެށުމުން ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.

ސައުތު ކޮރެއާ އިން ވަނީ 11,344 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 269 މީހުން މަރުވެފަ އެވެ.