ހޮން ކޮންގާ ގުޅޭ ގޮތުން ޗައިނާގެ ނިންމުމަކީ ގޯހެއް: ބައެއް ގައުމުތައް

ލަންޑަން (މެއި 29) - ހޮން ކޮންގުގައި ސަލާމަތާ ބެހޭ ގާނޫނެއް ތަންފީޒް ކުރަން ޗައިނާގެ ޕާލަމެންޓުން ފާސްކުރުމަކީ ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެފައިވާ އުސޫލުތަކުގެ ރޫހާ ޚިލާފަށް ކުރި ކަމެއް ކަމަށް އިނގިރޭސި ވިލާތާއި އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ބުނެފި އެވެ.


"ހޮން ކޮންގުގައި ސަލާމަތީ ގާނޫނެއް ތަންފީޒް ކުރަން ޗައިނާ އިން ނިންމުމަކީ އދ.ގައި ރަޖިސްޓްރީކޮށްފައިވާ ސައިނޯ-ބްރިޓިޝް ޖޮއިންޓް ޑިކްލަރޭޝަނުގެ ރޫހާ ފުށުއަރާ ގޮތަށް ކޮށްފައިވާ ކަމެއް،" ހަތަރު ގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

އިނގިރޭސިންގެ ބާރުގެ ދަށުން 1997 ވަނަ އަހަރު ހޮން ކޮންގް ޗައިނާއާ ހަވާލުކުރި އިރު ދީފައިވާ ޚާއްސަ ސްޓޭޓަސް އަށް އިޝާރާތްކޮށް ބަޔާނުގައި ބުނެފައި ވަނީ ޗައިނާ އިން ފާސްކުރި ގާނޫނަކީ "ވަން ކަންޓްރީ، ޓޫ ސިސްޓަމް ފްރޭމްވޯކް" އާ ވެސް ޚިލާފަށްކޮށްފައިވާ ކަމެއް ކަމަށެވެ. ހަތަރު ގައުމުން ބުނެފައި ވަނީ އެ ގާނޫނުގެ ސަބަބުން ހޮން ކޮންގުގައި މިހާރު ވެސް އޮތް ހަމަނުޖެހުންތައް އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، މުޅި ދުނިޔޭގައި ބޮޑު ރޯގާއެއް ފެތުރި އެއް ގައުމު އަނެއް ގައުމަށް އެއްބާރުން ބޭނުންވާ ވަގުތެއްގައި ޗައިނާ އިން އަމަލުކޮށްފައި ވަނީ އެކަމާ މުޅިން އިދިކޮޅަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ޗައިނާގެ ޕާލަމެންޓުގެ ބައްދަލުވުން ކުރިއަށް ދަނީ. --ފޮޓޯ:އޭއެފްޕީ

ޗައިނާގެ ޕާލަމެންޓް ނުވަތަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް އިން ބިލް ފާސްކޮށްފައި ވަނީ 2،878-1 ވޯޓުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެނީ ހަ މެންބަރުންނެވެ.

އިނގިރޭސި ވިލާތުން ހޮން ކޮންގް ޗައިނާއާ ހަވާލުކުރި އިރު "ވަން ކަންޓްރީ، ޓޫ ސިސްޓަމް" ޕްރިންސްޕަލާ އެކު ބޭސިކް ލޯގެ ނަމުގައި ކޮންމެވެސް ވަރެއްގެ ގާނޫނު އަސާސީއަކަށް ވެސް އަމަލު ކުރުމަށް އެއްބަސްވެފައިވެ އެވެ. އެ ގާނޫނުގެ ދަށުން ހޮން ކޮންގުގައި ބައެއް ކަހަލަ ހައްގުތައް ރައްކާތެރިކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމާއި މިނިވަން ޝަރުއީ ނިޒާމެއް ފަދަ ޗައިނާގެ ސަރަހައްދުތަކުގައި ނެތް ފަދަ ކަންތައްތަކެއް ހިމެނެ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ހޮން ކޮންގުގައި ވެސް، ބޭސިކް ލޯގެ 23 ވަނަ މާއްދާގެ ދަށުން، ގައުމީ ސަލާމަތާ ބެހޭ ގާނޫނެއް އޮންނަން ޖެހެ އެވެ.

އެންޕީސީގެ ސްޓޭންޑިން ކޮމިޓީގެ ޗެއާމަން ލި ޒަންޝޫ ވިދާޅުވީ ގާނޫނު ހަދާނީ ޗައިނާގެ ރައްޔިތުން، ހޮން ކޮންގުގެ ރައްޔިތުން ވެސް ހިމެނޭ ގޮތަށް، އަސާސީ ހައްގުތައް ރައްކާތެރި ކުރެވޭ ގޮތަށް ކަމަށެވެ.