ޕޮޒިޓިވްވާ މީހުން އިތުރުވަނީ، ލަންކާގައި ކާފިއުގެ ދުވަސްތަކެއް

ކޮލަމްބޯ (މެއި 29) - ކޮރޯނާވައިރަސް ކޮންޓްރޯލް ވެއްޖެ ކަމަށް ބަލައި ސްރީ ލަންކާގެ ލޮކްޑައުން އަށް ލުއިދީ ގައުމު ހުޅުވާލާފައި ވަނިކޮށް، ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައިވާ ދުވަސްވަރެއްގައި އަންނަ ހަފުތާގެ ބައެއް ދުވަސްތަކުގައި ކާފިއު ހިންގަން ނިންމައިފި އެވެ.


ލަންކާގެ ރައީސްގެ އޮފީހުގެ މީޑިއާ ޑިވިޝަނުން ބުނެފައި ވަނީ މެއި 31 އިން ޖޫން 3 އަށް ހައި ރިސްކް ހުރިހާ ޑިސްޓްރިކްޓެއްގައި ރޭގަނޑު 10 އިން ފަތިހު 4 އަށް ކާފިއު ހިންގާނެ ކަމަށެވެ. އަންނަ އާދިއްތަ ދުވަހު ކާފިއު ހިންގާ އިރު އެ ދުވަހު ވަނީ ލަންކާގެ މިނިސްޓަރެއްގެ ޖަނާޒާ ބާއްވަން ނިންމައިފަ އެވެ. ޓީ ޕްލާންޓޭޝަން ޓްރޭޑް ޔޫނިއަންގެ ލީޑަރު އަރުމަގަމް ތޮންޑަމަންގެ ޖަނާޒާގައި ބައިވެރިވުމަށް ސިލޯން ވޯކާސް ކޮންގްރެސް ޕާޓީގެ ގިނަ ބަޔަކު ނުކުންނާނެ ކަމަށް ބެލެވެ އެވެ. އަދި ޖޫން 4 އިން 5 އަށް މުޅި ގައުމުގައި ކާފިއު ހިންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޖޫން 6 ގައި ވެސް ވަކިވަކި ޑިސްޓްރިކްޓްތަކުގައި ކާފިއު ހިންގުމަށް ފަހު ވަކި ގޮތެއް އަންގަން ދެން ކާފިއު ދެމި އޮންނާނެ އެވެ. ކާފިއު ޓާގެޓްކޮށްފައި ވަނީ ބުޑިސްޓުންގެ ބަންދު ދުވަސްތަކަކާ ވެސް ދިމާކޮށެވެ.

ލަންކާގައި ޕޮޒިޓިވް ކޭސްތައް އިތުރުވެފައި ވަނީ ގައުމުން ބޭރުގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންނަން ފަށާފައި ވަނިކޮށެވެ. ދާދި ފަހުން ކުވޭތުން ގެނައި 460 މީހުންގެ ތެރޭން 250 މީހުން ވަނީ ޕޮޒިޓިވްވެފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. މީގެ އިތުރުން ނޭވީ ކޭމްޕަކުން ވެސް ވަނީ އިތުރު މީހުން ޕޮޒިޓިވްވާން ފަށައިފަ އެވެ.

ލަންކާ އިން ބޭރުގައި މަސައްކަތް ކުރާ އެ ގައުމުގެ 1.5 މިލިއަން މީހުންގެ ތެރޭން 41،000 މީހުން ވަނީ ގައުމަށް އެނބުރި ދާން ބޭނުންވާ ކަމަށް ރަޖިސްޓްރީކޮށްފަ އެވެ. ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ކަރަންޓީން ފެސިލިޓީތައް އެކަށީގެންވާ އަދަދަކަށް ނެތުމާ އެކު ބޭރުން މީހުން ގެނައުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން 52 ދުވަހު ލޮކްޑައުން ކުރުމަށް ފަހު، ގައިޑްލައިންތަކަކާ އެކު ލަންކާ ހުޅުވާލީ މެއި 11 ގަ އެވެ.

ލަންކާ އިން މިހާތަނަށް ވަނީ 1530 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 10 މީހުން މަރުވެފަ އެވެ.