ޖޯޖް ފްލޮއިޑުގެ ހަޔާތުގެ އެންމެ ފަހު 30 މިނިޓް

މިނިއާޕޮލިސް (ޖޫން 1) - އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހުންގެ މީހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލުމުން މުޅި އެމެރިކާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ސިޓީތަކުގައި ވެސް މިހާރު ވަނީ ހަމަނުޖެހުންތައް ބޮޑުވެފަ އެވެ.


ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ފިހާރައެއްގެ ބޭރުންނެވެ. މެއި 25 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ޑެރެކް ޗައުވިން، 44، އެވެ. އޭނާ ވަޒީފާ އިން ވަކިކޮށް މިހާރު ވަނީ މީހަކު މެރުމުގެ ދައުވާ އުފުލައިފަ އެވެ. އެކަމަކުގައި ބައިވެރިވި އަނެއް ތިން ފުލުހުންގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

ފްލޮއިޑުގެ ކަރަށް އަރައި ކަކުލުން އަރައި މަރާލި ފުލުސް އޮފިސަރު ޗައުވިން. --ފޮޓޯ:ރޮއިޓާސް

ފްލޮއިޑް ހައްޔަރު ކުރުމާއި އޭނާ މަރާލުމާ މެދު ހޭދަވީ ގާތްގަނޑަކަށް 30 މިނިޓެވެ. މަންޒަރު ފެނުނު މީހުންނާއި ވީޑިއޯ ފުޓޭޖްތައް އަދި ރަސްމީ ބަޔާންތަކަށް ބަލައި ކަންހިނގި ގޮތް ކުރުގޮތަކަށް ތިރީގައި އެވަނީ އެވެ.

މައްސަލަ އުފެދުނީ ފިހާރައަކަށް ފްލޮއިޑް ވަދެ ކުރި 20 ޑޮލަރުގެ ވިޔަފާރިއަކާ ގުޅިގެންނެވެ. ފްލޮއިޑް އާއްމުކޮށް ވިޔަފާރި ކުރާ ފިހާރައެއް ކަމަށްވާ ކަޕް ފުޑްސް އިން ސިނގިރޭޓް ފޮއްޓެއް ގަންނަން ބޭނުންކޮށްފައި ވަނީ ފޭކް 20 ޑޮލަރު ކަމަށް ބުނެ 25 ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ފިހާރައިގެ މުވައްޒަފަކު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

ޓެކްސަސް އިން ބަދަލުވެ މިނިއާޕޮލިސްގައި ފްލޮއިޑް ދިރިއުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ދާދި ފަހުން ގާޑަކަށް އޭނާ މަސައްކަތް ކުރި ނަމަވެސް، އެމެރިކާގެ އެތައް މިލިއަން މީހުންނެކޭ އެއްގޮތަށް ކޮރޯނާވައިރަހާ ގުޅިގެން ފްލޮއިޑް ވެސް ހުރީ ވަޒީފާ ގެއްލިފަ އެވެ.

ފުލުސް އޮފިސަރު ޗައުވިން، ފްލޮއިޑުގެ ކަރަށް ކަކުލުން އަރައިގެން. --ފޮޓޯ:އޭއެފްޕީ

ފްލޮއިޑަކީ ކަޕް ފުޑްސް އަށް ވިޔަފާރި ކުރަން އާއްމުކޮށް ދާ މީހެކެވެ. އެ ފިހާރައިގެ ވެރި މީހާ މައިކް އަބުމައްޔާލް ބުނި ގޮތުގައި ފްލޮއިޑަކީ ކިޔަމަންތެރި، ހިތްހެޔޮ ކަސްޓަމަރެކެވެ. އެ ހާދިސާ ހިނގި އިރު ފިހާރައިގައި މައިކް ނެތެވެ. އެކަމަކު އޭނާގެ ޒުވާން މުވައްޒަފު ވަނީ ޕްރޮޓޮކޯލް ފޮލޯކުރުމުގެ ގޮތުން ވަގު ފައިސާ ކަމަށް ޝައްކު ކުރެވޭތީ ފުލުހުންނަށް އަންގައިފަ އެވެ.

ރަސްމީ ޓްރާންސްކްރިކްޓުގައިވާ ގޮތުން ފިހާރައިގެ މުވައްޒަފު އެރޭ 20:01 ގައި 911 އަށް ގުޅައި އޮޕަރޭޓަރަށް އަންގާފައި ވަނީ ފޭކް ނޫޓަށް ގަތް ސިނގިރޭޓް ފޮށި އަނބުރާ ދިނުމަށް ފްލޮއިޑް ދެކޮޅު ހަދާ ކަމަށެވެ. އަދި ފްލޮއިޑް ހުރީ "މަސްތުވެ" އޭނާގެ "އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވޭ ހާލަތެއްގައި" ކަމަށް ފިހާރައިގެ މުވައްޒަފު ވަނީ ފުލުހުންނަށް އަންގައިފަ އެވެ.

ފޯނުކުރިތާ މާގިނައިރުތަކެއް ނުވަނީސް، 20:08 ގައި ދެ ފުލުހަކު އެ ފިހާރަ އަށް ދިޔަ އެވެ. އޭރު ފްލޮއިޑް އިނީ ޕާކްކޮށްފައިވާ ކާރެއްގައި ދެ މީހަކާ އެކު އިށީނދެލައިގެންނެވެ. ފްލޮއިޑާ ކައިރިވަމުން ފުލުސް އޮފިސަރެއް ކަމަށްވާ ތޯމަސް ލޭން ވަނީ ބަޑިން އިންޒާރު ދީ، ދެ އަތް މައްޗަށް ނެގުމަށް އަންގައިފަ އެވެ. އެ ހާލަތުގައި ފުލުސް އޮފިސަރު ބަޑި ނަގަން ޖެހުނު ސަބަބެއް ޕްރޮސެކިއުޓަރުން ސާފުކޮށްދީފައެއް ނުވެ އެވެ. ލޭން ވަނީ ފްލޮއިޑް ކާރުން ދަމާ ނެރެފަ އެވެ. ބިޑި އަޅުވަން އުޅުމުން ފްލޮއިޑް ވަނީ އެކަމަށް ދެކޮޅު ހަދައި ގަދަ ދައްކައިފަ އެވެ. އެކަމަކު ބިޑި އެޅުވުމުން ފްލޮއިޑް ވަނީ މައިތިރިވެފަ އެވެ. ލޭން ބުނެފައި ވަނީ ފްލޮއިޑް ހައްޔަރު ކުރަން ޖެހުނީ ފޭކް ނޫޓް ބޭނުންކޮށްގެން ވިޔަފާރި ކުރުމުން ކަމަށެވެ.

މައްސަލަ ބޮޑުވީ ފުލުހުންގެ ސްކޮޑް ކާރަށް ފްލޮއިޑް އަރުވަން އޮފިސަރުން މަސައްކަތް ކުރުމުންނެވެ. ގާތްގަނޑަކަށް 20:14 ހާ އިރު ފްލޮއިޑް ވަނީ އޭނާ ކާރަށް އަރަން ބޭނުން ނުވާ ކަމަށް ބުނެ ބިންމައްޗަށް ވެއްޓިފަ އެވެ. އަދި ބަންދު ތަންތަނަށް ވަންނަނީ ނަމަ ބިރު ގަނެ ހާސްވާ ކަމަށް ފުލުހުން ގާތު ފްލޮއިޑް ބުންޏެވެ. އެ ވަގުތު ފުލުސް އޮފިސަރު ޗައުވިން ވެސް އެ ތަނަށް ހިނގައްޖެ އެވެ. އޭނާ އާއި އެހެން އޮފިސަރުން ވަނީ ފޮލައިޑް ޕޮލިސް ކާރަށް އެރުވުމަށް އިތުރަށް މަސައްކަތްކޮށްފަ އެވެ. އެ މަސައްކަތުގެ ތެރޭގައި ޗައުވިން ވަނީ ފަސިންޖަ ސީޓުން ފްލޮއިޑް ދަމައިގަނެފަ އެވެ. އަދި އެ ގޮތަށް ހެދުމުގެ ތެރޭގައި ފްލޮއިޑް ކާރުން ބޭރަށް ވެއްޓުނެވެ. އޭރު ގަޑިން 20:19 ވެއްޖެ އެވެ. ބިޑިއާ އެކު ފްލޮއިޑް އޮތީ މޫނު ވަތަށެވެ.

ފުލުސް އޮފިސަރު ޗައުވިން، ފްލޮއިޑުގެ ކަރަށް ކަކުލުން އަރައިގެން. --ފޮޓޯ:އޭއެފްޕީ

މަންޒަރު ބަލަން ތިބި މީހުން ފްލޮއިޑުގެ ވީޑިއޯ ނަގަން ފެށީ އެ ހިސާބުންނެވެ. އެތައް ބައެއްގެ މޯބައިލް ފޯނުން ނެގި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށައިފަ އެވެ. އޭރު ފްލޮއިޑް އޮތީ ފުލުހުންގެ ކޮންޓްރޯލުގެ ދަށުގަ އެވެ. އެ ވަގުތު ފުލުސް އޮފިސަރު ޗައުވިން ވަނީ އޭނާގެ ވާތު ކަކުލުން ފްލޮއިޑުގެ ކަނދުރާ މައްޗަށް އަރައިފަ އެވެ.

"އަހަންނަކަށް ނޭވާއެއް ނުލެވޭ،" އެތައް ފަހަރަކު އާދޭސްކޮށް ފްލޮއިޑް ގޮވަމުން ދިޔަ އެވެ.

ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޗައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން ހުއްޓެވެ. އޭގެ ތެރޭން ގާތްގަނޑަކަށް ހަ މިނިޓްވީ އިރު ފްލޮއިޑުގެ ހަބަރު ވަނީ ހުސްވެފަ އެވެ. އެ ވަގުތު މަންޒަރު ބަލަން ތިބި މީހުން ދިޔައީ ފްލޮއިޑުގެ ވިންދު ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދެމުންނެވެ. ކޮންމެވެސް ފުލުހަކު ފްލޮއިޑުގެ ކަނާތުގައި އަތްލައިގެން ވިންދު ވެސް ބެލި އެވެ. ކައިރީގައި ތިބި އެތައް ބަޔަކު ދިޔައީ ފްލޮއިޑު ބިންމަތިން ނެގައިދިނުމަށް އެދި އާދޭސް ކުރަމުންނެވެ. އެކަމަކު ވެސް ފުލުހުން އެކަން ކޮށްފައެއް ނުވެ އެވެ.

ފްލޮއިޑުގެ ކަރުން ޗައުވިންގެ ކަކޫ ނެގީ ގާތްގަނޑަކަށް 20:27 ގަ އެވެ. އޭރު ފްލޮއިޑުގެ ހަރަކާތް ވަނީ ހުއްޓިފަ އެވެ. އެ ވަގުތު ސްޓްރެޗަރަށް ލައިގެން ހެނެޕިން ކައުންޓީ މެޑިކަލް ސެންޓަރަށް އެމްބިއުލެންސްގައި އޭނާ ގެންދިޔަ އެވެ. ފްލޮއިޑު މަރުވިކަން އިއުލާން ކުރީ އޭގެ ގަޑިއެއްހާ އިރު ފަހުންނެވެ.