އިންޑޮނީޝިއާ އިން މި އަހަރު ހައްޖަށް ނުދާން ނިންމައިފި

ޖަކާޓާ (ޖޫން 3) - ކޮރޯނާވައިރަސް ފެތުރެމުންދާތީ އެކަމުގެ ބިރަށްޓަކައި، އިންޑޮނީޝިއާ އިން މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވާން ނިންމައިފި އެވެ.


ދުނިޔޭގައި މުސްލިމުން އެންމެ ގިނަ ގައުމުން ހައްޖަށް މީހުން ނުފޮނުވާން ނިންމި އިރު އެ ގައުމުގެ 221،000 މީހުންނަށް ވަނީ ހައްޖު ކޯޓާ ލިބިފަ އެވެ. އޭގެ ތެރޭން 90 ޕަސެންޓް މީހުން ވަނީ ހައްޖަށް ދިއުމަށް ރަޖިސްޓްރީ ކޮށްފަ އެވެ. އެކަމަކު އިންޑޮނީޝިއާ އިން ކުރިން ނިންމީ އޭގެ ތެރޭން ދެބައިކުޅަ އެއްބައި މީހުން ހައްޖަށް ފޮނުވުމަށެވެ. ނަމަވެސް އަންނަ މަހު ފަހުކޮޅު ފަށާ މާތް އަޅުކަމާ ގުޅޭ ގޮތުން ސައުދީން އަދި މިހާތަނަށް ވަކި ގޮތެއް ނިންމައިފައި ނުވާތީ އިންޑޮނީޝިއާ އިން މިހާރު ނިންމާފައި ވަނީ ހައްޖަށް މީހުން ނުފޮނުވުމަށެވެ. ސައުދީން މިދިޔަ މަހު ކުރީކޮޅު ވަނީ މި އަހަރުގެ ހައްޖުގެ ތައްޔާރީތައް އަދި ނުވުމަށް ގައުމުތަކަށް އަންގައިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖުލައި 30 ވަނަ ދުވަހަށެވެ.

"ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަދި މިހާތަނަށް ޔަގީންކަން ދީފައި ނުވާތީ އިންޑޮނީޝިއާ އިން ނިންމާފައި ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވާން،" ވެރިރަށް ޖަކާޓާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިލިޖަސް އެފެއާޒް މިނިސްޓަރު ފަޟުރުލް ރާޒީ ވިދާޅުވި އެވެ. "މިއީ ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު ހައްޖަށް ދާ މީހުންނާއި ހައްޖުގެ އެކި ކަންކަމުގައި މަސްއޫލުވެ އުޅޭ މީހުން ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް."

ސިންގަޕޫރުން ވެސް ވަނީ އެ ގައުމުން މި އަހަރު ހައްޖަށް މީހުން ނުފޮނުވާނެ ކަމަށް މިދިޔަ މަހު ބުނެފަ އެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ސައުދީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި ނަމަވެސް މެއި މަހު 31 އިން ފެށިގެން މިހާރު ވަނީ މައްކާ ފިޔަވައި އެހެން ސަރަހައްދުތަކުގެ މިސްކިތްތައް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހުޅުވައިފަ އެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 2.5 މިލިއަން މީހުން ބައިވެރިވި އެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި މީގެ ކުރިން ވެސް ވަނީ ބޮޑެތި ރޯގާތައް ފެތުރިފަ އެވެ. ސައުދީގައި 1821 ވަނަ އަހަރު ފެތުރުނު ކޮލެރާ ބަލިމަޑުކަމެއްގައި 20،000 ހައްޖުވެރިން މަރުވި އެވެ. އަދި 1865 ވަނަ އަހަރު ފެތުރުނު ކޮލެރާ ރޯގާގައި 15،000 ހައްޖުވެރިން މަރުވި އެވެ. ފަހުގެ ތާރީޚަށް ބަލާއިރު ސައުދީގައި ފެތުރުނު މާސް ރޯގާގެ ސަބަބުން ވެސް ހައްޖުގެ އަޅުކަމަށް ވަނީ އަސަރުކޮށްފަ އެވެ. އޭގެ ފަހުން ސައުދީން ވަނީ އާއްމު ސިއްހަތުގެ ފިޔަވަޅުތައް ހަރުދަނާކޮށްފަ އެވެ.

ތާރީޚަށް ބަލާއިރު ވަނީ ހަނގުރާމަ އާއި ބަލިމަޑުކަން ފަދަ ކަންކަމާ ގުޅިގެން ހައްޖު ކެންސަލްކޮށްފަ އެވެ. ނަމަވެސް ކިންގްޑަމް އޮފް ސައުދީ އަރަބިއާ 1932 ވަނަ އަހަރު އުފެދުނު ފަހުން އެއްވެސް އަހަރަކު ހައްޖުގެ އަޅުކަން ކެންސަލްކޮށްފައެއް ނުވެ އެވެ.