ފްލޮއިޑުގެ މަރުން އެމެރިކާގެ ހަގީގީ ސިފަ ފެނިއްޖެ: ޚާމަނާއީ

ތެހެރާން (ޖޫން 5) - އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑު ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި މަރާލާފައިވާތީ އެ ގައުމުގެ ހަގީގީ ސިފަ ފެނިއްޖެ ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.


"އެ ފުލުސް މީހާ ހުރީ ވަރަށް ހަމަޖެހިލައިގެން ކަޅު ނަސްލުގެ މީހެއްގެ ކަރަށް ފައިން އަރައިގެން. އެ ވަގުތު އެހެން ފުލުހުން ވެސް އެ ތަނުގައި ތިބީ މަންޒަރު ބަލަން. އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނާޅާ. އެއީ ކުއްލިއަކަށް ވެގެން އުޅޭ ކަމެއް ނޫން،" ޚާމަނާއީ ދެއްވި ތަގްރީރެއްގައި ވިދާޅުވި އެވެ. "އެއީ އެމެރިކާގެ ގޮތް. އެމެރިކާ އިން ދުނިޔެ އަށް ހަދަމުންދާ ގޮތް."

އެމެރިކާ އާއި އީރާނުގެ ގުޅުން ހީނަރުވެފައި ވަނިކޮށް އެ ގުޅުން އިތުރަށް ގޯސްވީ އެމެރިކާ އިން ވައިގެ ހަމަލާދީ އީރާނުގެ އިސް ޖެނެރަލަކު މިދިޔަ ޖެނުއަރީ މަހު މަރާލުމުންނެވެ.

ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޑެރެކް ޗައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން ހުއްޓެވެ. އޭގެ ތެރޭން ގާތްގަނޑަކަށް ހަ މިނިޓްވީ އިރު ފްލޮއިޑުގެ ހަބަރު ވަނީ ހުސްވެފަ އެވެ.

ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޗައުވިންގެ މައްޗަށް މިހާރު ވަނީ މީހަކު މެރުމުގެ ދެ ވަނަ ދަރަޖައިގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އަނެއް ތިން މީހުން އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.