އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގައި ބަލިޖެހޭ މީހުން އިތުރުވަނީ

ނިއު ދިއްލީ (ޖޫން 6) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގައި އިތުރުވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.


ދުނިޔޭގެ އާބާދީގެ ފަސްބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް ހިއްސާ ކުރާ ތިން ގައުމުގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވަމުންދާ އިރު ތިން ގައުމުން ވެސް ވަނީ ލޮކްޑައުން އަށް ލުއިތައް ދޭން ފަށައިފަ އެވެ.

އިންޑިއާ:

ޕޮޒިޓިވްވި: 236,091 މަރުވި: 6,649 ރަނގަޅުވި: 113,231

ޕާކިސްތާން:

ޕޮޒިޓިވްވި: 89,249 މަރުވި: 1,838 ރަނގަޅުވި: 31,198

ބަންގްލަދޭޝް:

ޕޮޒިޓިވްވި: 60,391 މަރުވި: 811 ރަނގަޅުވި: 12,804

އިންޑިއާ އިން ހުކުރު ދުވަހު ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 9،378 މީހުންނަށް ބަލިޖެހިފަ އެވެ. ޕާކިސްތާނުން އިއްޔެ 3،985 މީހުންނަށް ބަލި ޖެހުނުއިރު ބަންގްލަދޭޝް އިން ވަނީ 2،828 މީހުންނަށް ބަލިޖެހިފަ އެވެ.

ތަޖްރިބާކާރުން ބުނަނީ ތިން ގައުމުގައި ވެސް ޓެސްޓްކުރެވޭ ނިސްބަތް މަދު ކަމަށާއި އެހެން ނޫން ނަމަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު މާބޮޑުތަން އިތުރުވާނެ ކަމަށެވެ. ތިން ގައުމުން ވެސް އަދި ޕީކަށް ނާރާ އިރު މިހާރު ވެސް ވަނީ ބައެއް ހިސާބުތަކުގެ ސިއްހީ ނިޒާމަށް އޮބިއޮންނަ ވަރަށް ވުރެ ބަލި މީހުން އިތުރުވެފަ އެވެ.