ފަލަސްތީނުގެ އޯޓިސްޓިކް މީހާގެ މަރަކީ ހިތާމައެއް: ނަތަންޔާހޫ

ގުދުސް (ޖޫން 8) - އިޒްރޭލް ސިފައިން ބަޑިޖަހައި ފަލަސްތީނުގެ އޯޓިސްޓިކް މީހަކު މަރާލުމަކީ "ބޮޑު ހިތާމައެއް" ގެ ގޮތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފަކުރައްވައިފި އެވެ.


އުމުރުން 32 އަހަރުގެ ފަލަސްތީނުގެ އޯޓިސްޓިކް މީހެއް ކަމަށްވާ އިޔާދު ހައްލާގުގެ ގަޔަށް އިރުމަތީ ގުދުސްގައި އިޒްރޭލް ސިފައިން ބަޑިޖަހައި މެއި 30 ވަނަ ދުވަހު އޭނާ ޝަހީދުކޮށްލީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ސްކޫލަކަށް ދަނިކޮށެވެ. އިޒްރޭލް ފުލުހުން ބުނެފައި ވަނީ ސިފައިން ހައްލާގުގެ ގަޔަށް ބަޑިޖެހީ އޭނާގެ އަތުގައި ހަތިޔާރެއް އޮތް ކަމަށް ހީކޮށް ކަމަށާއި ސިފައިންގެ އަމުރަށް އޭނާ ކިޔަވަން ނުވުމުން ކަމަށެވެ. ފަހުން އެނގުނު ގޮތުގައި ހައްލާގުގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ.

ހައްލާގަށް އެނގެނީ އޭނާގެ މައިންބަފައިން އެކަނި ވަކިކުރަން ކަމަށްވޭ. --ފޮޓޯ:އޭއެފްޕީ

އޮޓޮޕްސީ ރިޕޯޓުން އެނގުނު ގޮތުގައި ހައްލާގުގެ މެޔަށް ވަނީ ދެ ވަޒަން ޖަހައިފަ އެވެ.

ހައްލާގުގެ މަރާ ގުޅިގެން އަދި މިހާތަނަށް ނަތަންޔާހޫ އެއްވެސް ވާހަކައެއް ދައްކަވައިފައެއް ނުވެ އެވެ. ނަމަވެސް އިއްޔެ ބޭއްވި އިޒްރޭލުގެ ކެބިނެޓް ބައްދަލުވުމުން ފެށުމުގެ ކުރިން ނަތަންޔާހޫ ވަނީ ހައްލާކުގެ އާއިލާ އަށް ތައުޒިޔާ ކިޔައި އެ މަރުގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ވިދާޅުވެފަ އެވެ.

ހައްލާގުގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި. --ފޮޓޯ:ރޮއިޓާސް

ހައްލާގުގެ އާއިލާގެ ވަކީލް ޖާދު ގަދުމާނީ ވިދާޅުވީ ބަޑިޖެހި ސިފައިންގެ މައްޗަށް ޖިނާއީ ދައުވާކޮށް އެކަމުގެ ޒިންމާ އުފުލަން ޖެހޭ މީހުންގެ މައްޗަށް އިންސާފު ގާއިމްކުރެވެންޖެހޭނެ ކަމަށެވެ.

ހައްލާގުގެ ދެބެންގެދެދަރި ބޭބެއެއް ކަމަށްވާ ޑރ. ހާތިމް އަވީވީ ބުނެފައި ވަނީ ހައްލާގަކީ މުވާސަލާތު ކުރުމުގައި މައްސަލަ ހުންނަ މީހެއް ކަމަށާއި ސިފައިންނަކީ ކޮން ބައެއްކަން ވެސް އޭނާ އަށް ނޭނގޭނެ ކަމަށެވެ. ހައްލާގަށް ހަމައެކަނި އެނގެނީ އޭނާގެ މަންމަ އާއި ބައްޕަ ވަކިކުރަން ކަމަށް ވެސް ބުނެފައިވެ އެވެ. އިޒްރޭލް ސިފައިންނާ ދުރަށް އޭނާ ދިޔައީ އެހެންވެ ކަމަށް އަވީވީ ބުންޏެވެ.

ފަލަސްތީނުގައި ޝަހީދުކޮށްލި ހައްލާގާއި އެމެރިކާގައި މަރާލި ފްލޮއިޑުގެ ބެނާއެއް ހިފައިގެން ފަލަސްތީނުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ

ހައްލާގުގެ މަރާ ގުޅިގެން ވަރަށް ބޮޑު ރުޅިވެރިކަމެއް ވަނީ އުފެދިފަ އެވެ. ފަލަސްތީނުގެ އިތުރުން އިޒްރޭލުގެ އެތައް ބަޔަކު ވެސް ވަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފަ އެވެ. އޭނާގެ ޖަނާޒާގައި އެތައް ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އެކްޓިވިސްޓުން ވަނީ ހައްލާގުގެ މަރު، އެމެރިކާގައި ފުލުހުން މަރާލި ޖޯޖް ފްލޮއިޑުގެ މަރާ އެއްގޮތް ކޮށްފަ އެވެ.