މެލޭޝިއާ އިން ވެސް މި އަހަރު ހައްޖަކަށް ނުދާން ނިންމައިފި

ކުއާލަ ލަމްޕޫރު (ޖޫން 12) - ކޮރޯނާވައިރަހުގެ ބިރު އޮތް ކަމަށް ބުނެ މެލޭޝިއާ އިން ވެސް މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވާން ނިންމައިފި އެވެ.


މީގެ ދުވަސްކޮޅެއް ކުރިން ވަނީ، ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާ އިން ވެސް މި އަހަރު ހައްޖަށް މީހުން ނުފޮނުވަން ނިންމައިފަ އެވެ.

މެލޭޝިއާގެ ރިލިޖަސް އެފެއާޒް މިނިސްޓަރު ޒުލްކިފްލީ މުހައްމަދު އަލް ބަކްރީ ވިދާޅުވީ މި އަހަރު އެ ގައުމުން ހައްޖަށް ދާ 31،600 މީހުންގެ ރައްކާތެރިކަމާ މެދު ޔަގީންކަމެއް ނެތް ކަމަށެވެ.

"މިއީ ވަރަށް އުނދަގޫ ނިންމުމުމެއް. އެކަމަކު މި އަހަރު ހައްޖަށް ނުދެވުނު މީހުން އަންނަ އަހަރު ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދޭނަން،" އޭނާ ވިދާޅުވި އެވެ.

އާބާދީގައި 32 މިލިއަން މީހުން ހިމެނޭ މެލޭޝިއާގެ 60 ޕަސެންޓް މީހުންނަކީ މުސްލިމުންނެވެ.

މެލޭޝިއާ އިން މިހާރު ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލްކޮށް ގައުމު އާދައިގެ ހާލަތަކަށް ގެންނަން ފަށައިފަ އެވެ. މެލޭޝިއާ އިން ޕޮޒިޓިވްވެފައި ވަނީ 8,369 މީހުންނެވެ. އެ ގައުމުން މަރުވެފައި ވަނީ 118 މީހުންނެވެ، ނަމަވެސް ސައުދީ އަރަބިއާ އިން ވަނީ 116,021 މީހުން ޕޮޒިޓިވްވެ 857 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނި ވެސް ސައުދީން ވަނީ 3،733 މީހުން ޕޮޒިޓިވްވެފަ އެވެ.

އިންޑޮނީޝިއާ އިން މި އަހަރު ހައްޖަށް މީހުން ނުފޮނުވަން ނިންމީ ކޮރޯނާވައިރަސް ފެތުރެމުންދާތީ އެކަމުގެ ބިރަށެވެ. ހައްޖަށް މީހުން ނުފޮނުވާން ނިންމި އިރު އިންޑޮނީޝިއާގެ 221،000 މީހުންނަށް ވަނީ ހައްޖު ކޯޓާ ލިބިފަ އެވެ. އޭގެ ތެރޭން 90 ޕަސެންޓް މީހުން ވަނީ ހައްޖަށް ދިއުމަށް ރަޖިސްޓްރީ ކޮށްފަ އެވެ. އެކަމަކު އިންޑޮނީޝިއާ އިން ކުރިން ނިންމީ އޭގެ ތެރޭން ދެބައިކުޅަ އެއްބައި މީހުން ހައްޖަށް ފޮނުވުމަށެވެ.

އަންނަ މަހު ފަހުކޮޅު ފަށާ ހައްޖުގެ މާތް އަޅުކަމާ ގުޅޭ ގޮތުން ސައުދީން އަދި މިހާތަނަށް ވަކި ގޮތެއް ނިންމައިފައެއް ނުވެ އެވެ. ސައުދީން ކުރިން ވަނީ މި އަހަރުގެ ހައްޖުގެ ތައްޔާރީތައް އަދި ނުވުމަށް ގައުމުތަކަށް އަންގައިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖުލައި 30 ވަނަ ދުވަހަށެވެ.

ސިންގަޕޫރުން ވެސް ވަނީ އެ ގައުމުން މި އަހަރު ހައްޖަށް މީހުން ނުފޮނުވާނެ ކަމަށް މިދިޔަ މަހު ބުނެފަ އެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ސައުދީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި ނަމަވެސް މެއި މަހު 31 އިން ފެށިގެން މިހާރު ވަނީ މައްކާ ފިޔަވައި އެހެން ސަރަހައްދުތަކުގެ މިސްކިތްތައް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހުޅުވައިފަ އެވެ.