އަސްކަރިއްޔާ އިން އިންޑިއާގެ ބޯޑަރު ދިފާއު ކުރާނެ: މޯދީ

ނިއު ދިއްލީ (ޖޫން 20) - އިންޑިއާގެ އަސްކަރިއްޔާ އިން އެ ގައުމުގެ ބޯޑަރު ދިފާއު ކުރާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.


ލަޑަކުގެ ގަލްވާން ވެލީގައި ޗައިނާ ސިފައިންނާއި އިންޑިއާ ސިފައިން ހޯމަ ދުވަހު ހިންގި ކުރިމަތިލުމަށް ފަހު މޯދީ ވިދާޅުވީ ބޭރުގެ ސިފައިންގެ ބަޔަކު އިންޑިއާގެ ބޯޑަރުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އެކަމަކު އެ ގައުމުގެ ބިމުން އެއްވެސް މިންވަރެއް ނުގެއްލޭ ކަމަށް ވިދާޅުވި އެވެ.

ޗައިނާ ސިފައިންނާ އެކު ހިންގި ކުރިމަތިލުމުގައި އިންޑިއާގެ 20 ސިފައިން މަރުވި ކަމަށް އެ ގައުމުން ބުނެފައިވެ އެވެ. ޗައިނާ ސިފައިންގެ ތެރޭން މީހަކު މަރުވި ކަމުގެ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ. އިންޑިއާ އިން ބުނެފައި ވަނީ ކުރިމަތިލުމުގައި ޗައިނާގެ ބެލުމުގެ ދަށަށް ގެންދިޔަ އިންޑިއާގެ 10 ސިފައިން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ޗައިނާ އިން ބުނެފައި ވަނީ އިންޑިއާގެ އެއްވެސް ސިފައިންގެ މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ.

ގައުމާ މުޚާތަބް ކުރައްވާ މޯދީ ވިދާޅުވީ ގައުމުގެ ބިން ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އިންޑިއާ ސިފައިންނަށް "މިނިވަންކަން" ދީފައިވާ ކަމަށެވެ.

"ޗައިނާ އިން ކުރިކަންތަކުގެ ސަބަބުން އިންޑިއާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި،" މޯދީ ވިދާޅުވި އެވެ. "އިންޑިއާ އިން ބޭނުންވަނީ ހުރިހާ ގައުމަކާ އެކު ވެސް ސުލްހަވެރި ގޮތުގައި އުޅެން. އެކަމަކު އެންމެ އިސްވާނީ އިންޑިއާގެ މިނިވަންކަން."

ހޯމަ ދުވަހުގެ ކުރިމަތިލުމާ ގުޅިގެން މޯދީ ވިދާޅުވީ އިންޑިއާގެ ސަރަހައްދުގައި ބޭރުގެ އެއްވެސް ސިފައިންގެ މީހަކު މިހާރު ނެތް ކަމަށާއި އިންޑިއާގެ އެއްވެސް މަރުކަޒެއް ބޭރު ބައެއްގެ އަތްދަށަށް ނުދާ ކަމަށެވެ.

ހޯމަ ދުވަހުގެ ކުރިމަތިލުމުގައި އެއްވެސް ބަޔަކު ބަޑި ޖަހައިފައެއް ނުވެ އެވެ. ނަމަވެސް ބޭނުންކޮށްފައި ވަނީ ލޮންސި ފަދަ ތަކެއްޗެވެ. ދެ ގައުމުން ވެސް 1996 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ބޯޑަރުގައި ތިބޭ ސިފައިން ބަޑި ޖެހުމަކީ މަނާކަމެކެވެ.

ބޯޑަރުގެ މައްސަލައިގައި ދެ ގައުމުގެ މެދުގައި ދޭތެރެ ދޭތެރެ އިން ކުރިމަތިލުން ހިންގި ނަމަވެސް ހޯމަ ދުވަހުގެ ހާދިސާ އަކީ ވޭތުވެދިޔަ 45 އަހަރު ދުވަހު ތެރޭ ފުރަތަމަ ފަހަރަށް ބަޔަކު މަރުވި ހާދިސާ އެވެ.