ވެކްސިން ޔަގީނެއް ނޫން، އެކަމަށް އަހަރެއް ވެސް ނަގައިފާނެ: ޑަބްލިއުއެޗްއޯ

ޖެނީވާ (ޖޫން 26) - ކޮރޯނާވައިރަހަށް ކާމިޔާބު ވެކްސިނެއް ސައެންސްވެރިންނަށް އުފެއްދޭނެކަން ޔަގީން ނުވާ ކަމަށާއި ވެކްސިނެއް އުފެއްދި ނަމަވެސް އެކަމަށް މަދުވެގެން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.


ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ވެކްސިނެއް އުފައްދައިފި ނަމަ އެއީ އެންމެންނަށް ވެސް ލިބޭނެ އެއްޗަކަށް ވާނެ ކަމަށެވެ.

"އުއްމީދަކީ ވެކްސިނެއް ލިބުން. ލަފާ ކުރެވޭ ގޮތުން އެކަމަށް މަދުވެގެން އަހަރެއް ނަގާނެ. އެއީ ސައެންސްވެރިން ވެސް ބުނާ ވާހަކަ އަކީ،" ޔޫރަޕިއަން ޕާލަމެންޓުގެ ހެލްތު ކޮމިޓީއާ އެކު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ޓެޑްރޯސް ވިދާޅުވި އެވެ. "ކޮރޯނާވައިރަހަށް އަދި ވެކްސިނެއް ނުހޯދޭ. މި ފަހަރު ވެކްސިނެއް ހޯދިއްޖެ ނަމަ އެ ވާނީ ފުރަތަމަ ވެކްސިނަށް."

އޭނާ ވިދާޅުވީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް 100 އަށް ވުރެ ގިނަ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮރޯނާވައިރަހުގެ ހާލަތު މުޅި ދުނިޔޭގައި ވެސް އަދިވެސް ގޯސްވަމުން އަންނަ ކަމަށާއި ބަލީގައި މަރުވި މީހުންގެ އަދަދު މި ހަފުތާގައި ފަސް ލައްކަ އަށް އަރައި ޕޮޒިޓިވްވި މީހުންގެ އަދަދު 10 މިލިއަނަށް އަރާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ލަފާކޮށްފައިވެ އެވެ. ޚާއްސަކޮށް ޔޫރަޕުގައި ޕޮޒިޓިވް ކޭސްތައް އިތުރުވެފައިވާ ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.

ޔޫރަޕުން މިހާތަނަށް ވަނީ 2,372,079 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 189,493 މީހުން މަރުވެފަ އެވެ.