ކޭސްތައް އިތުރުވާތީ ދިއްލީގެ މުޅި އާބާދީ ޓެސްޓްކުރަނީ

ނިއު ދިއްލީ (ޖޫން 26) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން ނިއު ދިއްލީގައި އިތުރުވާތީ ވެރިރަށުގެ މުޅި އާބާދީ އެއްކޮށް ވައިރަހަށް ޓެސްޓް ކުރަން ނިންމައިފި އެވެ.


އިންޑިއާގައި މިހާރު އެންމެ ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރެނީ ވެސް ދިއްލީގަ އެވެ. ދިއްލީން މިހާތަނަށް 70،390 މީހުން ޕޮޒިޓިވްވެފައިވާ އިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 3،788 ކޭސް ރިޕޯޓްކޮށްފަ އެވެ. ކުރިން އެންމެ ބާރަށް ބަލި ފެތުރުނު މުމްބާއީން 24 ގަޑިއިރު ތެރޭ ރިޕޯޓްކޮށްފައި ވަނީ 1،118 ކޭސް އެެވެ.

ދިއްލީގެ ސަރަހައްދީ ސަރުކާރުން ބުނީ އެ ސިޓީން ރިޕޯޓްކުރި ކޭސްތަކުގެ ދެބައިކުޅަ އެއްބައި ގުޅިފައި ވަނީ ވައިރަލް ކްލަސްޓާތަކާ ކަމަށެވެ. އެހެންވެ ފުޅާ ދާއިރާއެއްގައި ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހޭ ކަމަށް އޮފިޝަލުން ބުނެ އެވެ.

ދިއްލީގެ 29 މިލިއަން މީހުންގެ އެންޓިޖެން ޓެސްޓް ހެދުމަށް ޓީމުތަކުން ހުރިހާ ހައުސްހޯލްޑްތަކަށް ޒިޔާރަތް ކުރާނެ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

މީގެ އިތުރުން ގިނަ ބަޔަކު އެއްވެގެން އުޅޭ ތަންތަނަށް ފުލުހުން ފޮނުވައިގެން ފިޒިކަލް ޑިސްޓެންސިން އަށް އަމަލު ކުރަން އަންގާނެ އެވެ. އަދި ބައިބޯކޮށް ދިރިއުޅޭ ތަންތަނުން މީހުން މަދުކޮށް، ސަރުކާރުން ހަދާފައިވާ ކޮވިޑް-19 ކެއާ ސެންޓަރުތަކަށް ބަދަލު ކުރާނެ އެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 496,853 މީހުން ޕޮޒިޓިވްވެ 15,391 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 18,185 މީހުން ޕޮޒިޓިވްވެ 401 މީހުން މަރުވެފަ އެވެ.