ދިއްލީގެ ސިއްހީ ނިޒާމަށް ނުތަކާވަރަށް ބަލި މީހުން އިތުރުވަނީ

ނިއު ދިއްލީ (ޖޫން 28) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީން ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން މިހާރު އިތުރުވަމުން ދަނީ ސިޓީގެ ސިއްހީ ނިޒާމަށް ނުތަކާ ވަރަށް ކަމަށް ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވީ މި މަހު ކުރީކޮޅުން ފެށިގެން ބަލި މީހުން އިތުރުވަމުންދާތީ ދިއްލީގެ ހޮސްޕިޓަލްތަކުން އެނދު ލިބުން ވެސް ދަތިވެފައިވާ ކަމަށެވެ. މަރުވާ ރޭޓް އިތުރު ވަނީ ފަރުވާ ދޭނެ އެނދު ނުލިބިގެން ކަމަށް ކެޖްރިވާލް ވިދާޅުވި އެވެ.

އިންޑިއާގައި މިހާރު އެންމެ ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރެމުން ދަނީ ވެސް ދިއްލީގަ އެވެ. އާބާދީގައި 20 މިލިއަން މީހުން ހިމެނޭ ސިޓީން މިހާތަނަށް 73،000 ކޭސް ރިޕޯޓްކޮށްފައިވާ އިރު 2،500 މީހުން ވަނީ މަރުވެފަ އެވެ. ދިއްލީން ޕޮޒިޓިވްވި މީހުންގެ ތެރޭން ތިންބައިކުޅަ އެއްވައި ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހަފުތާގަ އެވެ.

ދިއްލީގައި ބަލި ފެތުރިފައި އޮތް މިންވަރު ބެލުމަށް އެންމެން ޓެސްޓް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ދިއްލީގައި ރެޕިޑް އެންޓިޖެން ޓެސްޓް (އާރުއޭޓީ) ސެންޓަރެއްގެ ބޭރުގައި މީހުން ކިޔޫގައި. --ފޮޓޯ:އޭއެފްޕީ

"ބަލި ކޮންޓްރޯލް ކުރުމުގައި އެންމެ ކާމިޔާބު ފިޔަވަޅަކީ އަވަހަށް ބަލި ދެނެގަނެ ކަރަންޓީން ކުރުން،" ރެސްޕިރޭޓަރީ ބަލިތަކާ ބެހޭ ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ޑރ. ސަންދީޕް ސަލްވީ ވިދާޅުވި އެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައި ވަނީ ވައިރަސް ކޮންޓްރޯލް ކުރުމުގައި އެހެން އެއްވެސް ގައުމަކަށް ވުރެ އިންޑިއާ މާ ބޮޑުތަން ވެސް ރަނގަޅު ކަމަށެވެ. ވާޗުއަލްކޮށް ދެއްވި ތަގްރީރެއްގައި މޯދީ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރެވުނީ މާޗް މަހުން ފެށިގެން އަޅަން ފެށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އޭގެ ތެރޭގައި ގައުމު ލޮކްޑައުން ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އިންޑިއާގެ ރިކަވަރީ ރޭޓް އަންނަނީ މަތިވަމުން،" މޯދީ ވިދާޅުވި އެވެ.

އާބާދީގައި 1.38 ބިލިއަން މީހުން ހިމެނޭ އިންޑިއާ އިން މިހާތަނަށް 529,889 މީހުން ޕޮޒިޓިވްވެފައިވާ އިރު 16,112 މީހުން ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 310,236 މީހުންނެވެ. ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 203،541 މީހުންނެވެ. އޭގެ ތެރޭން ސީރިއަސް ބަލި މީހުންގެ އަދަދަކީ 8،944 އެވެ. އިންޑިއާ އިން މިހާތަނަށް ކޮށްފައި ވަނީ 8,227,802 ޓެސްޓެވެ. އެއީ އާބާދީގެ ކޮންމެ މިލިއަނަކަށް 5،963 އެވެ. އިންޑިއާގައި ބަލި މީހުން އިތުރުވި ނަމަވެސް އެ ގައުމުގެ އާބާދީ އަށް ބަލާ ނަމަ ބަލި މީހުންގެ ނިސްބަތަކީ ކޮންމެ އެއް މިލިއަން މީހަކަށް 400 އެވެ.