ބަލި ކޮންޓްރޯލް ކުރުމަށް ލަންކާގައި އިއުލާންކުރި ކާފިއު އުވާލައިފި

ކޮލަމްބޯ (ޖޫން 28) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސްރީ ލަންކާގައި އިއުލާން ކުރި ކާފިއު މިއަދުން ފެށިގެން އެއްކޮށް އުވާލައިފި އެވެ.


ސްރީ ލަންކާގައި ކޮރޯނާވައިރަސް ފެތުރެން ފެށުމުން އެ ގައުމުގައި ވަނީ 24 ގަޑިއިރު ކާފިއު އިއުލާންކޮށްފަ އެވެ. ނަމަވެސް ލަންކާގައި ކޮރޯނާވައިރަހުގެ ހާލަތު ރަނގަޅުވާން ފެށުމުން ކާފިއު އަށް ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ލުއިދޭން ފަށައިފަ އެވެ. ފަހުން ކާފިއު އޮތީ ރޭގަނޑު 12 އިން ފަތިހު 4 އަށެވެ.

އެކި ސްޓޭޖްތަކަށް ބަހާލައިގެން، ލަންކާގެ ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް އަންނަ މަހު ހުޅުވަން ވަނީ ނިންމައިފަ އެވެ. ޓީޗަރުންނާއި ޕްރިންސިޕަލުން މާދަމާ ސްކޫލްތަކަށް ނުކުންނާނެ އެވެ. ކޮރޯނާވައިރަސް ފެތުރޭތީ ލަންކާގެ ސްކޫލްތައް ބަންދުކުރީ މާޗް މަހު މެދުތެރޭގަ އެވެ.

ލަންކާގެ ލޮކްޑައުން އަށް ލުއިދޭން ފަށާފައި ވަނީ 52 ދުވަހަށް ފަހު، މެއި 11 އިން ފެށިގެންނެވެ.

ލަންކާގެ ބޯޑަރު ވެސް އޮގަސްޓް 1 ގައި ހުޅުވާލައި އޮގަސްޓް 5 ވަނަ ދުވަހު އާއްމު އިންތިޚާބު ބޭއްވުމަށް ވެސް ވަނީ މިހާރު ހަމަޖައްސައިފަ އެވެ.

ސްރީ ލަންކާ އިން މިހާތަނަށް ވަނީ 2,033 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 11 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 1،639 މީހުންނެވެ. އެކްޓިވް ކޭސްގެ އަދަދަކީ 383 އެވެ. ސީރިއަސް ހާލަތުގައި ލަންކާގައި މިހާރު އޮތީ އެންމެ މީހެކެވެ. ލަންކާ އިން އިއްޔެ ޕޮޒިޓިވްވެފައި ވަނީ 19 މީހުންނެވެ.