ޗައިނާ ސިފައިންނަށް ކޮރޯނާވައިރަސް ވެކްސިން ޖަހަަނީ

ބެއިޖިން (ޖޫން 30) - ކޮރޯނާވައިރަހުގެ ވެކްސިން އަޖުމަ ބެލުމުގެ ގޮތުން ޗައިނާ ސިފައިންނަށް ދިނުމުގެ ހުއްދަ ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަނުން ދީފި އެވެ.


ކޭންސިނޯ ބަޔޮލޮޖިކްސް އާއި ބެއިޖިން އިންސްޓްޓިއުޓް އޮފް ބަޔޮޓެކްނޮލޮޖީ އެކަޑަމީ އޮފް މިލިޓަރީ މެޑިކަލް ސައެންސް އިން އުފެއްދި އެޑް5-އެންކޯވް އަކީ ކޮރޯނާވައިރަހަށް ދުނިޔޭގެ އެކި ގައުމުތަކުން މިހާރު އުފައްދަން މަސައްކަތް ކުރާ 150 އަށް ވުރެ ގިނަ ވެކްސިންގެ ތެރޭގައި ހިމެނޭ އެއް ވެކްސިނެވެ. މިއީ އިންސާނުން ބޭނުންކޮށްގެން ޗައިނާ ކްލިނިކަލް ޓެސްޓްތައް ކުރާ ފުރަތަމަ ވެކްސިން އެވެ.

މި ވެކްސިންގެ ފޭސް1 އަދި ފޭސް2 ގެ ކްލިނިކަލް ޓްރަޔަލްތަކުގައި ވެކްސިން އަށް ހަށިގަނޑުގެ ދިފާއީ ނިޒާމް ރެސްޕޮންސްކޮށްފައިވާ ކަމަށް މެޑިކަލް ޖާނަލްއަކުން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް ވެކްސިން ދިން މީހުންގެ ހަށިގަނޑުގައި ކޮރޯނާވައިރަހުން ދިފާއުވެވޭ ވަރަށް އެންޓިބޮޑީސް އުފައްދާފައިވާ ކަމެއް ނޭނގެ އެވެ. އެހެންވެ ޗައިނާގެ އަސްކަރިއްޔާގެ ސްޓާފުންނަށް ވެކްސިން ދިނުމުން އެ ސުވާލުގެ ޖަވާބު ސައެންސްވެރިންނަށް ލިބުމުގައި ފަސޭހަވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ކޮމާޝަލްކޮށް ބޭނުން ކުރުމަށް އެއްވެސް ވެކްސިނަކަށް އަދި ހުއްދަ ދީފައެއް ނުވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައި ވަނީ ކޮރޯނާވައިރަހަށް އުފައްދާ ވެކްސިންތަކުގެ ތެރޭން މިހާތަނަށް އެންމެ ކުރީގައި އުޅެނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނިކާ ގުޅިގެން އުފައްދާ ވެކްސިން ކަމަށެވެ.