ހުޅަނގު އައްސޭރިން ބައެއް އިޒްރޭލުން ވެރިކޮށްލުން ގާނޫނާ ޚިލާފު: އދ

ޔުނައިޓެޑް ނޭޝަންސް (ޖޫން 30) - ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބައެއް އިޒްރޭލުން ވެރިކޮށްލަން އުޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު މިޝޭލް ބަޗެލޭ ވިދާޅުވެެއްޖެ އެވެ.


"ހުޅަނގު އައްސޭރިން އެއްވެސް މިންވަރެއް އިޒްރޭލުން މިލްކުކުރުމަކީ ގާނޫނާޚިލާފު ކަމެއް،" ބަޗެލޭ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

ހުޅަނގު އައްސޭރިން ބައެއް އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހެދުމަށް ނިންމައިފައި ވަނީ ޖުލައި 1 އިން ފެށިގެންނެވެ. އިޒްރޭލުގެ ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެކަމަކު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަދި ނަތަންޔާހޫ އަށް ފަހު ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާ ބެނީ ގާންޒް ވިދާޅުވީ ހުޅަނގު އައްސޭރީގެ ބައެއް އިޒްރޭލުގެ ދަށަށް ގެންނާނީ ކޮރޯނާވައިރަސް ކޮންޓްރޯލްވުމުން ކަމަށެވެ.

ހުޅަނގު އައްސޭރިން ބައެއް އިޒްރޭލުގެ ދަށަށް ގެންދިއުމަށް މަގުފަހިވެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނުގެ ސަބަބުންނެވެ. ފަލަސްތީނުން ވަނީ އެ ޕްލޭނާ ދެކޮޅު ހަދައިފަ އެވެ.

ބަޗެލޭ ވިދާޅުވީ ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުން ހިފުމަކީ އެކަމުގެ ގެއްލުންތައް ޒަމާންތަކަކަށް ދެމިގެންދާނެ ކަމެއް ކަމަށެވެ. އަދި މެދުއިރުމައްޗަށް ދާއިމީ ސުލްހަ ހޯދަން ކުރާ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށް ވިދާޅުވި އެވެ.