ނޫސް އެޑިޓަރުންނަށް 5،000 ސިޓީ ފޮނުވި ޕަރަކަލް މަރުވެއްޖެ

މުމްބާއީ (ޖުލައި 6) - މީޑިއާގެ ވަސީލަތެއްގައި، އާއްމު މީހަކަށް ހިޔާލެއް ފާޅުކުރެވެން އޮތް ހަމައެކަނި މަގަކީ އެޑިޓަރަށް ފޮނުވާ ސިޓީ ކަމަށް އޮތް ދުވަސްވަރެއްގައި، ނޫސް އެޑިޓަރުންނަށް ސިޓީ ފޮނުވައިގެން މަޝްހޫރުކަން ހޯދި އިންޑިއާގެ އެންތަނީ ޕަރަކަލް މަރުވެއްޖެ އެވެ.


އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކުރި ގޮތުގައި، މިދިޔަ އަންގާރަ ދުވަހު، އުމުރުން 89 އަހަރުގައި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ޕަރަކަލް 1993 ވަނަ އަހަރު ލިމްކާ ބުކް އޮފް ރެކޯޑްސް އިން ޖާގަ ހޯދީ، އެޑިޓަރަށް ފޮނުވި އެންމެ ގިނަ ސިޓީ ޝާއިއުކުރި މީހާގެ ގޮތުގަ އެވެ. އެހާތަނަށް އޭނާގެ 3،700 ސިޓީ ވަނީ ބޮޑެތި އެތައް ނޫހެއްގައި ޝާއިއުކޮށްފަ އެވެ.

ޕަރަކަލްގެ ދަރިފުޅާ ޗެރިއާން ހަވާލާދީ އިންޑިއަން އެކްސްޕްރެސް އިން ބުނެފައިވާ ގޮތުގައި، ހަނދާން ބަލިވުމުން އަދި ސިއްހީ ހާލަތު ގޯސްވާން ފެށުމުން 2005 ވަނަ އަހަރު ޓައިޕްރައިޓަރު އަތުން ދޫކޮށްލަން މަޖުބޫރުވިއިރު، އޭނާގެ ފަސްހާހެއްހާ ސިޓީ ވަނީ ޝާއިއުކޮށްފަ އެވެ.

ޕަރަކަލް ނޯޓެއްގައި ލިޔެފައިވާ ގޮތުގައި އަމުދުން މަދު ވަސީލަތްތަކާ އެކު، އޭނާ އަށް އެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރެވުނީތީ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އިޖްތިމާއީ މައްސަލަތަކަށް އަލިއަޅުވަން ހިތްވަރުލިބުނު ގޮތަކީ، އޭނާ ލިޔެފައިވާ ގޮތުގައި، މީހަކު ދިރިއުޅެން ޖެހޭނީ ހަމައެކަނި އެ މީހާގެ ނަފްސަށްޓަކައި އެކަނި ނޫން އޭނާ ގަބޫލުކުރާ ގަބޫލުކުރުމެވެ. އޭނާގެ ފަލްސަފާއަކީ މީހަކު ދިރިއުޅެން ޖެހޭނީ އަނެއް މީހާއަށްޓަކައި ވެސް މެ އެވެ. އެ ނޫން ގޮތަކަށް ސުލްހަވެރި މުޖުތަމައެއްގައި ދިރިނޫޅެވެވޭނެ ކަމަށް އޭނާ ދެކެ އެވެ.

ޕަރަކަލް ފާހަގަކޮށްލެވޭ ފަހުގެ ސިޓީތަކުގެ ތެރޭގައި މުމްބާއީގެ މަލާޑް ރޭލު ސްޓޭޝަނުގެ ޕްލެޓްފޯމުގެ އުސްކުރަން އެދި ފޮނުވި ސިޓީ ހިމެނެ އެވެ. އޭނާގެ ބޭނުމަކަށްވީ، ޕްލެޓްފޯމާއި ރޭލުގެ ފުޓްބޯޑާ ދޭތެރޭ އޮންނަ ހުސް ޖާގައަށް މީހަކު ވެއްޓުނަނުދިމަށެވެ. ޑިސެމްބަރު، 15، 2003 ގައި އޭނާ އެކަމަށް އެދި ފޮނުވި ސިޓީ ޓައިމްސް އޮފް އިންޑިއާގައި ޝާއިއުކުރުމުން މާގިނަ ދުވަސްތަކެއް ނުވެ އެ ކަމަށް ހައްލު ލިބުނެވެ.

އިންޑިއަން ރެއިލްވޭސްގައި ވަޒީފާ އަދާކުރި ޕަރަކާލް އިޖްތިމާއީ މައްސަލަތައް ދެނެގަންނަނީ ރޭލުގައި ކުރާ ދަތުރުތަކުންނެވެ. އަދި ދަތުރުމަތީގައި ނޯޓްނެގުމަށް ފަހު، ގެއަށް ގޮސް ޓައިޕްރައިޓަރުން ލިޔެ، ޖެހިގެން އަންނަ ދުވަހު ސިޓީ ޕޯސްޓް ފޮއްޓަށް ވައްޓާލަ އެވެ. ވަރަށް ގަޔާވެގެން އޭނާ ކުރި އެ މަސައްކަތުގައި ނަން މަޝްހޫރުވުމުން މުމްބާއީގެ އެތައް ބަޔަކު މައްސަލަތައް ހިފައިގެން އޭނާ ގާތަށް ދާން ފެށި އެވެ.

ގަޑި ނުޖެހި އޮފީހަށް ދެވޭނެ ގޮތެއް ހޯދުމަށްޓަކައި އިތުރު ޕަބްލިކް ޓްރާންސްޕޯޓް ވަސީލަތްތައް ގާއިމްކޮށްދޭން އެދި އެއް ފަހަރު ބަޔަކު ދިޔަ ކަމަށް އޭނާގެ ދަރިފުޅު ބުންޏެވެ. އެއާ އެކު އާބާދީ ބޮޑު ހިސާބުތަކަށް، އެކަށީގެންވާ އާ ބަސް ރޫޓްތަކެއް ފާހަގަކޮށްދީ އޭނާ ސިޓީ ލިޔުނެވެ. އޭގެ ތެރެއިން ބައެއް ކަންކަން ކަމާބެހޭ ފަރާތުން ގަބޫލުކުރި ކަމަށް ޗެރިއާން ބުންޏެވެ.

"އޭނާ (ބައްޕަ) ބައެއް ފަހަރު އަހަރެމެންނާ އަޅާނުލާ ހުރެދާނެ. އެކަމަކު ތަކުލީފެއް ޖެހިގެން ގެއަށް އަންނަ މީހަކާ އަޅާނުލައި ދޫކޮށެއްނުލާނެ،" އޯލް-އިންޑިއާ (ޕްރެސް) ލެޓާ-ރައިޓާސް އެސޯސިއޭޝަނުގެ ވެސް މެމްބަރާ ބެހޭގޮތުން ދަރިފުޅު ބުންޏެވެ.

"ބޮމްބޭގައި، ނޫސް ކިޔާ އެކި ޖީލުތަކަށް، މި މީހާ އަކީ އާދަޔާހިލާފު ޝަހުސިއްޔަތެކެވެ،" ނޫސްވެރިޔާ ނަރޭޝް ފެނާންޑޭސް ޓްވީޓްކުރި އެވެ.

އޮންލައިން ނޫސްވެރިކަމާ އެކު، ކިޔުންތެރިންނަށް ކޮންމެ ހަބަރަކަށް ވަކިވަކިން ކޮމެންޓްކުރެވޭނެ މަގު އޮތަސް، އަދި ސޯޝަލް މީޑިއާއާ އެކު އާއްމުންނަށް މީޑިއާގައި ހިޔާލުފާޅުކުރެވޭނެ މަގު މިހާރު އޮތަސް ކުރިން އެއީ ހަނި ފުރުސަތެކެވެ. އެހެންވެ ޕަރަކަލް އަކީ އެ ޒަމާނުގެ ސޯޝަލް މީޑިއާއެކެވެ. އަމިއްލަ އިހުސާސްތަކާއި އާއްމުންގެ އުދާސްތައް މީޑިއާއަށް އޭރު ތިލަކޮށްދެނީ އޭނާ ފަދަ، ސިޓީ ލިޔާ މީހުންނެވެ.

އޭރު ކިޔުންތެރިޔަކަށް ނުވަތަ އާއްމު މީހަކަށް މީޑިއާގެ ވަސީލަތެއްގައި ހިޔާލުފާޅުކުރެވެން އޮންނަ ހަމައެކަނި ގޮތަކީ އެޑިޓަރަށް ފޮނުވާ ސިޓީ އެ ނޫހެއްގައި ޝާއިއުކުރުމެވެ. އެފަދަ ސިޓީތަކުގައި އާއްމުކޮށް ހުންނަނީ އެ ނޫހެއްގައި ޝާއިއުކުރި ލިޔުމަކާ ގުޅޭ ގޮތުން ދެކޭ ގޮތާއި އެ ނޫހެއްގެ އެޑިޓޯރިއަލްގައި ފާޅުކުރާ ހިޔާލަކާ މެދު ދެކޭ ގޮތް ނުވަތަ މުޖުތަމައުގައި ހިނގާ ކަންކަމަށް އަލިއަޅުވާލައިފަ އެވެ.

"ލެޓާސް ޓު ދި އެޑިޓާ" ގެ އިތުރުން ނޫހެއްގައި ދެން ހިޔާލުފާޅުކުރާ މައިގަނޑު އަނެއް ދެ ގޮތަކީ "އެޑިޓޯރިއަލް" އާއި "އޮޕް-އެޑް" އެވެ. މީގެ ތެރެއިން "އެޑިޓޯރިއަލް" އަކީ އެ ނޫހަކުން ދެކޭ ގޮތެވެ. "އޮޕް-އެޑް" އަކީ ނޫހުގެ އެޑިޓޯރިއަލްއާ ގުޅުމެއް ނެތް، މީހަކު ފާޅުކުރާ ހިޔާލެވެ.

ޕަރަކަލް މަރުވުމާ އެކު ނިމިގެން އެ ދިޔައީ، ވިސްނުންތެރި، އިލްމީ އަދި އޮއްޓަރު ހުރި ހިޔާލުތަކުން ނޫސްތަކުގެ އެޑިޓޯރިއަލް ސަފުހާތައް ފުރިގެން ދިޔަ ދައުރެއް ކަމަށް ނޫސްވެރިން ސިފަކުރެ އެވެ.