އަމިއްލަ އަށް މަރުވި ސޯލްގެ މޭޔަރުގެ ސެކްރެޓަރީ އަށް ހަތަރު އަހަރު ޖިންސީ ގޯނާކުރި

ސޯލް (ޖުލައި 13) - މިދިޔަ ހަފުތާގައި އަމިއްލަ އަށް މަރުވި ކަމަށް ބެލެވޭ ސައުތު ކޮރެއާގެ ވެރިރަށް ސޯލްގެ މޭޔަރު ޕާކް ވޮން-ސޫން ވަނީ އޭނާގެ ކުރީގެ ސެކްރެޓަރީ އަށް ހަތަރު އަހަރު ވަންދެން ޖިންސީ ގޯނާކޮށްފައި ކަމަށް ތުހުމަތުކޮށްފި އެވެ.


ޕާކް އަކީ ސައުތު ކޮރެއާގެ ސިޔާސީ ދާއިރާގައި ވަރަށް ނުފޫޒް ގަދަ ބޭފުޅެކެވެ. އަދި އެއީ 2022 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ވެދާނެ ކަމަށް ބެލެވުނު ބޭފުޅެއް ވެސް މެ އެވެ.

ގެއްލިގެން މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓްކުރި ޕާކުގެ ހަށިގަނޑު ހުކުރު ދުވަހު ފެނިފައި ވަނީ ސޯލްގެ އުތުރުން އޮންނަ މައުންޓް ބުގަކް ސަރަހައްދުންނެވެ. ފުލުހުން އޭނާގެ ހަށިގަނޑު ހޯދީ ފޯނުގެ ސިގްނަލް އަށް ބަލައިގެންނެވެ.

ޕާކްގެ އަންހެން ދަރިފުޅު ފުލުހުންނަށް ބުނީ ބުރާސްފަތި ދުވަހު ބައްޕަ ގެއިން ދިއުމުގެ ކުރިން މެސެޖެއް ދިން ކަމަށެވެ. ޕާކުގެ މެސެޖުގައި ވަނީ އެންމެންގެ ކިބައިން މާފަށް އެދިފަ އެވެ. އަދި އޭނާއާ އެކުގައި ހޭދަކުރި އެންމެންނަށް ޝުކުރު އަދާކޮށްފައިވެ އެވެ.

ޕާކް 2011 ވަނަ އަހަރުގެ މޭޔަރު އިންތިޚާބުގެ ކުރިން. --ފޮޓޯ:އޭއެފްޕީ

ޕާކު ގެއްލިފައި ވަނީ އޭނާގެ އަމަލުތައް ހުންނަ ގޮތާ މެދު ސެކްރެޓަރީ ފުލުހުންނަށް މައްސަލައެއް ހުށަހެޅިތާ އެއް ދުވަސް ފަހުންނެވެ.

ސެކްރެޓަރީގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ޕާކް ވަނީ ސެކްރެޓަރީ އަށް ހަތަރު އަހަރު ވަންދެން ޖިންސީ ގޯނާކޮށްފައި ކަމަށެވެ. ސެކްރެޓަރީ ތުހުމަތުކޮށްފައިވާ ގޮތުގައި ޕާކް ވަނީ އޭނާ ބޮކްސާގައި ހުންނެވި ފޮޓޯތައް ފޮނުވައި އަދި އޮފީހުގައި ހުންނަ ނިދާ ކޮޓަރި އަށް ދިއުމަށް އެތައް ފަހަރަކު ދައުވަތު ދީފަ އެވެ. ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ޕާކް މަރުވެފައި އޮއްވާ ފެނުނު ޚަބަރު ލިބުމުން ބޮޑު ޝޮކެއް ލިބުނު ކަމަށް ވެސް ސެކްރެޓަރީ ބުނެފައިވެ އެވެ.

ޕާކް، 64، އަކީ ސޯލް އަށް އިންތިޚާބުކުރި ފުރަތަމަ މޭޔަރެވެ. ދެހާސް އެގާރަ ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިދިޔަ ޖޫން މަހު އޭނާ ވަނީ ތިން ވަނަ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.