ދުބާއީން އުފައްދާ ވެކްސިންގެ ތިން ވަނަ ފޭސް ފަށައިފި

ދުބާއީ (ޖުލައި 19) - ކޮރޯނާވައިރަހަށް ދުބާއީ އިން އުފައްދާ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކުގެ ތިން ވަނަ ފޭސް ފަށައިފި އެވެ.


ޗައިނާގެ ނޭޝަނަލް ބަޔޯޓެކް ގްރޫޕް (ސީއެންބީޖީ) އާ ގުޅިގެން ދުބާއީން އުފައްދާ ވެކްސިންގެ ތިން ވަނަ މަރުހަލާގައި 15،000 ވޮލަންޓިއަރުން ބޭނުން ކުރާނެ އެވެ.

ކޮރޯނާވައިރަހަށް އަދި މިހާތަނަށް ވެކްސިނެއް އުފެއްދިފައި ނެތް ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ވެކްސިނެއް އުފެއްދުމަށް އިންސާނުން ބޭނުންކޮށްގެން ކްލިނިކަލް ޓްރަޔަލްތައް 23 ކުންފުންޏަކުން ކުރިއަށް ގެންދާ ކަމަށެވެ. އޭގެ ތެރޭން ތިން ކުންފުންޏެއްގެ ވެކްސިން ވަނީ ތިން ވަނަ ފޭސްގަ އެވެ.

ޔޫއޭއީގެ ކޮވިޑް-19 ކްލިނިކަލް މެނޭޖްމަންޓް ކޮމިޓީގެ ވެރިޔާ ނަވާލް އަލްކާބީ ވިދާޅުވީ ކްލިނިކަލް ޓްރަޔަލްތަކުގައި ބޭނުން ކުރާ 18-60 އަހަރާ ދެމެދުގެ 15،000 ވޮލަންޓިއަރުންނަށް ހަ މަސް ވަންދެން ވެކްސިންގެ ޑޯޒްތައް ދޭނެ ކަަމަށެވެ.

ޔޫއޭއީ އިން ބުނީ ވެކްސިންގެ ފުރަތަމަ ފޭހާއި ދެވަނަ ފޭހުގެ ނަތީޖާތައް ދެއްކި ގޮތުން ވެކްސިން ދިން މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް އެންޓިބޮޑީސް އުފެދިފައިވާ ކަމަށެވެ.

ޗައިނާގެ ކުންފުނިތަކުން ގައުމުން ބޭރުގައި ވެކްސިންގެ ޓްރަޔަލްތައް ކުރިއަށް ގެންދަނީ ކޮވިޑް-19 ގެ ބަލި މީހުން ޗައިނާގައި މަދުވުމުންނެވެ. ޗައިނާގެ ސިނޮވެކް ބަޔޯޓެކުން އަންނަނީ ވެކްސިންގެ ތިން ވަނަ ފޭސް ބްރެޒިލްގައި ކުރިއަށް ގެންދަން ތައްޔާރުވަމުންނެވެ.

ޔޫއޭއީން ވަނީ ކޮރޯނާވައިރަހަށް 56,711 މީހުން ޕޮޒިޓިވްވެ 338 މީހުން މަރުވެފަ އެވެ.