ހައްޖުގެ ކުރިން ހައްޖުވެރިން އައިސޮލޭޝަނަށް

މައްކާ (ޖުލައި 27) - ޒުލްހިއްޔާ މަހުގެ 8 ވަނަ ދުވަހު ހައްޖުގެ މަތިވެރި އަޅުކަން ފެށުމުމުގެ ކުރިން، ސައުދީގެ އެކި ހިސާބުތަކުން މައްކާ އަށް ޖަވާވި މީހުން އައިސޮލޭޝަނަށް ގެންގޮސްފި އެވެ.


މައްކާގެ އިރު އުތުރުން ހަތް ކިލޯ މީޓަރު ދުރުގައި އޮންނަ މިނާ އަށް ދަތުރު ފެށުމުގެ ކުރިން ރިޔާޒް، އަބާ، ތަބޫކް، މަދީނާ އަދި ޖަޒާން އިން މައްކާ އަށް ދިޔަ މީހުން ހަތަރު ދުވަސް ވަންދެން ކަރަންޓީނުގައި ބައިތިއްބަނީ މައްކާގެ ހޮޓާތަކުގަ އެވެ. އައިސޮލޭޝަންގައި ތިބޭތޯ ބެލުމަށް ކޮންމެ މީހެއްގެ އަތުގައި ވެސް ވަނީ އިލްޓްރޯނިކް ޑިވައިސްއެއް ހަރުކޮށްފަ އެވެ.

މައްކާގެ ހޮޓަލަކަށް ދިޔަ ހައްޖުވެރިއެއް ކައުންޓަރުން ޗެކް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ނައިބް ޑރ. އަބްދުލް ފައްތާހު ވިދާޅުވީ މި ފަހަރުގެ ހައްޖުގެ އަޅުކަމުގައި އެންމެ ބޮޑު ސަމާލު ކަމެއް ދީފައި ވަނީ ހައްޖުގެ ސިއްހީ ޕްރޮޓޮކޯލްތަކަށް ކަމަށެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ސައުދީން މި ފަހަރު ހައްޖުގެ އަޅުކަމަށް ފުރުސަތު ދީފައި ވަނީ ހަމައެކަނި ސައުދީގައި އުޅޭ މީހުންނަށެވެ. ހައްޖުވުމުގެ ފުރުސަތު ވަނީ ސައުދީގައި އުޅޭ 160 އަށް ވުރެ ގިނަ ގައުމުގެ މީހުންނަށް ދީފަ އެވެ. އޭގެ ތެރޭގައި ފަސް ދިވެހިން ވެސް ހިމެނެ އެވެ. ބެލެވޭ ގޮތުގައި މި ފަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާނީ 10،000 ވަރަކަށް މީހުންނެވެ.

ޑރ. ފައްތާހު ވިދާޅުވީ ހައްޖުވުމުގެ ފުރުސަތު ދީފައި ވަނީ އިލެކްޓްރޯނިކް ޕޯޓަލެއް މެދުވެރިކޮށް ހުށަހެޅި މީހުންގެ ތެރޭން ސިއްހީ ސްޓޭންޑަޑްތަކަށް ފެތޭ މީހުންނަށް ކަމަށެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 2.5 މިލިއަން މީހުން ބައިވެރިވި އެވެ.