ސިއްހަތު

އެންޓިބޮޑީސް ޓެސްޓް: ބައެއް ކަންބޮޑުވުންތައް

ކޮރޯނާވައިރަސްއާ ދެކޮޅަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރިއަށް ދަނީ: އެކި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދެނީ އެކި މިންވަރަށް

ޖަރާސީމެއް ނުވަތަ ވައިރަހެއް ނަމަވެސް، އެއްވެސް އިރެއްގައި އިންސާނާގެ ހަށިގަނޑަށް ވަދެފައިވާ ނަމަ އޭގެ ހަނދާންތައް ރައްކާކުރެވެނީ ލޭގެ ތެރޭގަ އެވެ. ތިބާއަށް ކޮރޯނާވައިރަސް އަރާފައިވާ ނަމަ އެކަން ވެސް އަމިއްލަ ހަށިގަނޑު ދެނެގަންނާނެ އެވެ.

އެ ހަނދާންތަކުގެ އަސްލަކީ އެންޓިބޮޑީސް އެވެ. އެހެންކަމަށްވާ ނަމަ، ކޮރޯނާވައިރަސްގެ ސަބަބުން ބަލިވި އެތައް ބައެއްގެ ހަށިގަނޑުގައި އެ އެންޓިބޮޑީސް އުފެދިފައި ނެތް ކަމަށް އެ ދައްކަނީ ކީއްވެގެން ހެއްޔެވެ؟

މައްސަލައަކީ ޓެސްޓްތަކެވެ.

ގާތްގަނޑަކަށް އޭގެ ހުރިހާ ޓެސްޓްތަކުގެ ޖަވާބަކީ ވެސް ނޫނެކޭ/އާއެނކޭ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ހަށިގަނޑަށް އެއްވެސް އިރެއްގައި އެ ވައިރަސް ވަދެފައިވޭތޯ ނުވަތަ ނޫންތޯ އެވެ. އެކަމަކު ނުބައި ނަތީޖާތައް ފެނުމަކީ ޓެސްޓްތަކުގެ އުނި އެއް ސިފަ އެވެ. މިސާލަކަށް އެންޓިބޮޑީސް ހުރި ކަމަށް ދައްކާ މީހެއްގެ ހަށިގަނޑުގައި އެ ނެތި ވެސް އެބަ ދެ އެވެ.

ބަލިން ރަނގަޅުވުމާ އެކު ކޮރޯނާވައިރަސްގެ އެންޓިބޮޑީސްގެ މިންވަރު ވެސް ވަރަށް ބޮޑު ތަނުން ދަށްވެ އެވެ. މިހާރު އެނގޭ ގޮތުގައި ދަށް މިންވަރަކަށް އެންޓިބޮޑީސް ހުންނަ މީހުންގެ ޓެސްޓްތަކުން ދައްކަނީ، އެ ވައިރަސްއާ ދެކޮޅަށް އެންޓިބޮޑީސް އެއްގޮތަކަށް ވެސް ނެތް ކަމަށެވެ.

ކޮރޯނާވައިރަސްގެ އެންޓިބޮޑީސް ހުރިތޯ މިހާރު ހަދާ ބައެއް ޓެސްޓްތަކުން ދެނެގަންނަނީ ވައިރަސް ހަލާކުކޮށްލާ އެންޓިބޮޑީސްއެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ޓެސްޓްތަކުން ދައްކަނީ ހަށިގަނޑުގެ ދިފާއަށް މަސައްކަތްކުރުމުގެ ގާބިލްކަން ނެތް، އެންޓިބޮޑީސްގެ ވައްތަރެކެވެ.

މާނަ އަކީ، މިހާރު ލިބެން ހުރި ވިޔަފާރީގެ އުސޫލުން ހެދޭ ބައެއް ޓެސްޓްތަކުގެ ނަތީޖާ އަށް ބަރޯސާވެވެން ނެތް ކަމެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ ބައެއް މީހުންގެ ހަށިގަނޑުގައި ދަށް މިންވަރަކަށް އެންޓިބޮޑީސް ހުރުމަކީ، އެ ބައްޔާ ދެކޮޅަށް އަލުން ހަށިގަނޑުގެ ދިފާއީ ނިޒާމް މަސައްކަތް ނުކުރުމެއް ނޫނެވެ.

"ގިނަ ދުވަސް ވާ ވަރަކަށް އެންޓިބޮޑީސް އަށް އަންނަ ބަދަލުތަކާ ބެހޭ ވަރަށް ގިނަ އެއްޗެހި އަހަރެމެން މި އަންނަނީ ދަސްކުރަމުން،" އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)އަށް ހެދި އެފަދަ ސާވޭތަކުގައި އިސްކޮށް ހުންނެވި، މެޑިކަލް އެޕިޑެމިއޮލޮޖިސްޓް ޑރ. ފިއޯނާ ހަވާސް ވިދާޅުވި އެވެ.

ކޮރޯނާވައިރަސްއާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމް މަސައްކަތްކުރާ ގޮތުގެ ވާހަކަ އެކި ފަހަރު އެކި ގޮތަށް ބަދަލުވަމުން އަންނަ ނަމަ އޭގެ ސަބަބަކީ، މިއީ ސައިންސްވެރިންނަށް ވެސް އަދި އޭގެ ހަގީގަތް މުޅިން ނޭނގޭ ވައިރަހަކަށް ވުމެވެ. އެކަމަކު އާ ކޮރޯނާވައިރަސް ވެސް ހަރަކާތްތެރިވަނީ އެހެން ވައިރަސްތަކާ ދާދި އެއްގޮތަކަށް ކަން ސާފެވެ.

ވައިރަސްތަކާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމް މަސައްކަތްކުރަނީ މި ގޮތަށެވެ؛ ކުޑައިރު ހަށިގަނޑު ތެރެއަށް އަލަށް އެފަދަ އެއްޗެއް ވަނުމާ އެކު ހަށިގަނޑަށް ހައިރާންކަން ލިބެ އެވެ. ބައެއް ކުދިން ކުޑަކޮށް ހުންއާދެ އެވެ. އަނެއް ބައި ކުދިން ނުރައްކާތެރި ހާލަތަކަށް ދެ އެވެ. އެކަން ނިސްބަތްވަނީ ހަށިގަނޑަށް ވަންނަ ވައިރަސްގެ މިންވަރާއި ކުއްޖާގެ ދުޅަހެޔޮކަމާއި ސިއްހީ ފަރުވާ ހޯދެން ހުރި ފުރުސަތުގެ އިތުރުން ޖެނެޓިކްގެ ގުޅުންތަކަށެވެ.

ކޮރޯނާވައިރަސް ސިފަކޮށްދޭ ކުރެހުމެއް: އިންސާނާގެ ސެލްތަކަށް ވަންނަން ބޭނުންކުރަނީ އޭގެ ބޭރުގައި އެ ހުރި ރަތް ކުލައިގެ ކަށިތައް

އާދައިގެ ހުމަކުން ހަށިގަނޑުގައި އެންޓިބޮޑީސް އުފެދެނީ މަދު މިންވަރަކަށެވެ. ހާލަތު ގޯސްވާ ހިސާބަށް ހުން އަތުވެއްޖެ ނަމަ، ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް ވެސް ގިނަވެ އެވެ. ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ކޮރޯނާވައިރަސް އަރާ ގިނަ އަދަދެއްގެ ބައެއްގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނެ އެވެ. ނުވަތަ ފެންނަނީ ވަރަށް މަދު އަލާމާތްތަކެކެވެ. އެހެންކަމުން އެފަދަ މީހުންގެ ހަށިގަނޑުގައި އެ ވައިރަސް އަށް އެންޓިބޮޑީސް އުފެދޭނީ ނިސްބަތުން މަދުންނެވެ.

އެކަމަކު އާދައިގެ ގޮތަކަށް ބަލި ޖެހުނަސް، އެ ވައިރަސް އަލުން ވަދެއްޖެ ނަމަ އެއާ ދެކޮޅަށް ހަރަކާތްތެރިވެވޭ މިންވަރަށް ގިނަ މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމް ތައްޔާރުވެ އެވެ.

އިންސާނާގެ ކަށީގެ އެތެރޭގައި ހިމެނޭ މަދުގައި، ފުއްޕާ ހަމެއްގެ ބައްޓަމަށް ހުންނަ ސެލްތަކެއް އުޅެ އެވެ. ބަލިން ސަލާމަތްވުމާ އެކު އެ ސެލްތަކުން އުފައްދައިދޭ ދިފާއު ވަރަށް ފުރިހަމަ އެވެ. އެގޮތުން ވައިރަސް އަލުން ހަށިގަނޑަށް ވަދެއްޖެ ނަމަ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ސެލްތަކުން އެންޓިބޮޑީސް އުފައްދަ އެވެ.

ވައިރަސް ގިނައިން އަރާ ވަރަކަށް ދިފާއު ވެސް ވަރުގަދަވެ އެވެ. މިއީ އިންސާނާގެ ހަށިގަނޑުގައި ހިމެނޭ އެއް މުއުޖިޒާތެވެ.

"ބަލި ޖެހި ރަނގަޅުވެފައި ހުރި ނަމަ ހަށިގަނޑުގައި ކޮންމެ މިންވަރަކަށް އެންޓިބޮޑީސް އުފެދިފައި ވިޔަސް އޭގެ ބޭނުން ވަރަށް މުހިންމު،" ހާވަޑް ޔުނިވަސިޓީގެ އިމިއުނޮލޮޖިސްޓް ޑރ. މައިކަލް މިނާ ވިދާޅުވި އެވެ.

"[އެ އެންޓިބޮޑީސް އިން] ވައިރަސް އަށް ދެ ވަނަ ފުރުސަތެއް ކުޑަކޮށް ވެސް ނުދޭނެ."

ލޭގެ ކޮންމެ ތިއްކެއްގައި އެތައް ބިލިއަން އެންޓިބޮޑީސް ހިމެނެ އެވެ. އެއިން ކޮންމެ އެއްޗެއް ވެސް ތައްޔާރުވެފައި ހުންނަނީ އެއަށް ކަނޑައެޅިފައިވާ ވަކި އަމާޒަކަށް ހަމަލާދޭށެވެ. މިސާލަކަށް ކޮރޯނާވައިރަސް ނަގާ ނަމަ، އެއަށް ހާއްސަ އެންޓިބޮޑީސްގެ މިންވަރު މަދުވެ، ޓެސްޓްތަކުން ނުދެއްކިޔަސް އޭގެ މާނައަކީ ވައިރަސްއާ ދެކޮޅަށް ދިފާއީ ނިޒާމް ނެތުމެއް ނޫނެވެ.

ކޮރޯނާވައިރަސްއާ ދެކޮޅަށް އުފައްދާ ވެކްސިނެއް: ހަށިގަނޑުގައި އެންޓިބޮޑީސް އުފެއްދުމަކީ ދިފާއުވުމުގެ މައިގަނޑު މަސައްކަތް --ފޮޓޯ:އޭއެފްޕީ

"ޓެސްޓް ހަދަން އަހަރެމެން ބޭނުންކުރާ ސާމާނަށް ދެނެގަނެވޭ ވަރަށް ވުރެ އެންޓިބޮޑީސްގެ މިންވަރު ދަށްވުމުގެ މާނައަކީ އޭގެ 'ހަނދާން' [ހަށިގަނޑުން] ނެތިދިއުމެއް ނޫން،" ޑރ. މިނާ ވިދާޅުވި އެވެ.

ވަރަށް މަދު ބައެއްގެ ހަށިގަނޑުގައި ކޮރޯނާވައިރަސްއާ ދެކޮޅަށް އެއްގޮތަަކަށް ވެސް އެންޓިބޮޑީސް ނުއުފެދުން އެކަށީގެންވެ އެވެ. އެކަމަކު އޭރުން ވެސް އެ މީހުންގެ ހަށިގަނޑުގައި ވައިރަސްއާ ހަނގުރާމަކުރަން އެހެން ދިފާއުއެއް އުފެދެ އެވެ: ޓީ ސެލް އެވެ. އެ ސެލްތަކަށް ވައިރަސް ފާހަގަކުރެވި، އެ ހަލާކުކޮށްލަ އެވެ. މިފަހުން ނެރުނު ބައެއް ދިރާސާތަކުން ދައްކަނީ ކޮވިޑް-19 ޖެހޭ އެންމެންގެ ހަށިގަނޑުގައި ވެސް ޓީ ސެލް އުފެދޭ ކަމެވެ.

"މީގެ މާނައަކީ ކުރިން ބަލިޖެހިފައި ހުރި ނަމަ އޭނާގެ އެންޓިބޮޑީސްގެ މިންވަރު ދަށަސް ރަނގަޅު ހިމާޔަތެއް ލިބިފައި ހުންނާނެކަން،" ޔޭލް ޔުނިވަސިޓީގެ އިމިއުނޮލޮޖިސްޓް އަކީކޯ އިވަސާކީ ވިދާޅުވި އެވެ.

ޓީ-ސެލް އަކީ ޓެސްޓްތަކުން ވެސް ދެނެގަންނަން ފަސޭހަ އެއްޗެއް ނޫނެވެ. އެކަމަކު ބޭރުން ހަށިގަނޑަށް އަންނަ ހަމަލާއެއް އެއަށް ރޭކާލުމާ އެކު އެންޓިބޮޑީސްގެ ބައި ވެސް ހަރަކާތްކުރުވަން ފަށަ އެވެ. ކޮރޯނާވައިރަސްގައި ހިމެނޭ ޕްރޮޓީންގެ ބައިތަކުން ހަށިގަނޑު ހޭލައްވާލައި، އެއާ ދެކޮޅަށް އެންޓިބޮޑީސް އުފެދެ އެވެ. އެންމެ ބާރުގަދަ އެންޓިބޮޑީސް ފުރަތަމަ ވެސް ދެނެގަންނަނީ ކޮރޯނާވައިރަސްގެ ބޭރުގައި ކަށިތަކެއް ގޮތަށް ހުންނަ ޕްރޮޓީންގެ ބައި ނުވަތަ ރިސެޕްޓާ ބައިންޑިން ޑޮމައިން (އާރު.ބީ.ޑީ) އެވެ. އިންސާނާގެ ސެލްތަކަށް ވަންނަން ވައިރަސް ބޭނުންކުރަނީ އެ ކަށިތަކެވެ. އެ ދެނެގަންނަ އެންޓިބޮޑީސްގެ މަސައްކަތުން ވައިރަސްތައް ހަލާކުކޮށް، ބަލިޖެހުން ހުއްޓުވަ އެވެ.

އެކަމަކު މިހާރު ބޭނުންކުރާ އެންޓިބޮޑީސްގެ ބައެއް ޓެސްޓްތަކުން ބަލަނީ އާރު.ބީ.ޑީގެ ބަދަލުގައި ވައިރަސްގެ ޖެނެޓިކް މެޓީރިއަލެއްގެ ގޮތުގައި ހިމެނޭ ޕްރޮޓީންގެ ބައެއް ކަމަށް ވާ ނިއުކްލިއޮކެޕްސިޑް، ނުވަތަ "އެން"ގެ އަސަރުތަކަށެވެ.

އެކަމާ ބައެއް ސައިންސްވެރިން ތިބީ ހައިރާންވެފަ އެވެ.

"އެކަމެއް އަހަންނަކަށް ނޭނގޭ، ނަމަވެސް އެއީ މޮޔަ ކަމެއް،" ނިއު ޔޯކްގައި ހުންނަ ކޮލަމްބިއާ ޔުނިވަސިޓީގެ ވައިރޮލޮޖިސްޓް، އެންޖެލާ ރަސްމުސެން ވިދާޅުވި އެވެ.

"ވައިރަހުގެ މައިގަނޑު ޕްރޮޓީން އަށް އަމާޒުނުކޮށް ޓެސްޓެއް ޑިޒައިންކުރުމަކީ އަރަތެއް."

ލޭގެ ތެރޭގައި އެން ޕްރޮޓީން ވަރަށް މަތީ މިންވަރަކަށް ހުރެ އެވެ. އެ ޕްރޮޓީންއާ ދެކޮޅަށް އުފެދޭ އެންޓިބޮޑީސް، އާރު.ބީ.ޑީއާ ހަނގުރާމަކުރާ އެންޓިބޮޑީސްއަށް ވުރެ މާ ފަސޭހައިން، ޓެސްޓްތަކުން ދެނެގަނެވެ އެވެ. އެންޓިބޮޑީސް ޓެސްޓް ހަދަނީ ކުރިން ބަލިޖެހިފައި ހުރިތޯ ބަލަން ކަމަށް ވާތީ، ޓެސްޓްތަކުން ދައްކާ އެންޓިބޮޑީސްއަކީ ވައިރަސް ހުއްޓުވަން ހަށިގަނޑު ބޭނުންކުރާ ދިފާއުގެ އަސްލު ބައިތޯ ކަނޑައެޅުމަކީ ޓެސްޓް ކިޓް ތައްޔާރުކުރާ ކުންފުނިތަކަށް މަޖުބޫރު ކަމެއް ނޫނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ސީޑީސީގެ ހުއްދަ ލިބިފައިވާ ބައެއް ޓެސްޓްތަކުން އެނގެނީ ކޮރޯނާވައިރަސް ހަށިގަނޑަށް އެރިތޯ ނުވަތަ ނޫންތޯ އެވެ. އަލުން ވައިރަސްއާ ހަނގުރާމަކުރާނެ އެންޓިބޮޑީސް ހުރިތޯ ނުވަތަ ނޫންތޯއެއް ނޫނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ކޮރޯނާވައިރަސްގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް ދެމިގެންދަނީ ކިހާ މުއްދަތަކަށްތޯ އާއި ދިފާއުވާން ބޭނުންވަނީ ކިހާ މިންވަރެއްގެ އެންޓިބޮޑީސްތޯ ކަނޑައެޅޭނެ މައުލޫމާތެއް އަދި ނެތެވެ. އެކަމަކު އިންސާނާގެ ހަށިގަނޑު މަސައްކަތްކުރާ ގޮތަށް ބަލާ ނަމަ، އެއްވެސް އިރެއްގައި ބަލި ޖެހިއްޖެ ނަމަ ދެ ވަނަ ފަހަރަށް ވައިރަސް އަރާ އިރު އެއާ ދެކޮޅަށް ދިފާއު އުފެދޭނެ އެވެ. އަދި ބައެއް ޓެސްޓްތަކުން އެންޓިބޮޑީސް ނުފެނުނަސް އޭގެ މާނައަކީ، ކުރިން ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި އެ ދިފާއު ނެތުމެއް ވެސް ނޫނެވެ.

އާ ވައިރަހަކަށް ވާތީ ކުރިއަށް އަދިވެސް އޮތީ އުނގެނުމުގެ ބަ އެވެ. ވައިރަސްގެ ހަގީގަތް އިތުރަށް ދެނެގަތުމުގެ މަސައްކަތެވެ.

އެޑިޓަރުގެ ނޯޓު

ނިއު ޔޯކް ޓައިމްސްގައި އަޕޫރްވާ މަންޑަވިލީ ލިއުނު ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެއް

3 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފައުޗީ

30 July 2020

މޫސަގެ ލިޔުންތައް އަބަދުވެސް ފުރިހަމަ. ރާއްޖޭގައި އެންޓިބޮޑީ ޓެސްޓު ނެހެދިގެން އުޅެނީ އޭގެ ދަށް އެކިއުރެސީ ރޭޓް ނޭނގިގަނެއް ނޫން. އެކަން ކުރަން އުޅޭ ބަޔަކު އުޅެނީ ޓެސްޓު ހަދަން ހުއްދަ ހޯދައިގެން އާސަންދަ ހުސްކޮށްލާނެ ގޮތެއް ނުފެނިގެން. ހިތާމަހުރި.

The name is already taken The name is available. Register?

ބޯންތަށި

30 July 2020

އެހެންވީމަ މަ ބުނަނީ މޫސައަކީ ކިޔުންތެރިންގެ އިހުސާސް ތައް ދަންނަ ނޫސްވެރިޔެކޭ. ހުރިހާ މީޑިއާ އަކުންވެސް އެނޓިބޮޑީސް އޭ ކީމަކަ ރައްޔިތުންނަކަށް ނޭނގޭ އެއީ ކޮންއެއްޗެއްކަމެއް ކިހިނެއްވާ އެއްޗެއްކަމެއް. މިހާރު 6 އަހަރުގެ ކުއްޖަކަށްވެސް ރޯފިލާނެ މިލިޔުން ކިޔާލީމަ. މަބުނެލަން އޮތީ މޫސަ އަކީ ދުނިޔޭގެ ފެންވަރުގެ ޖާރނަލިސްޓެކޭ. ސެލިއުޓު

The name is already taken The name is available. Register?

ކާފަބޭ

30 July 2020

ﷲ އަ ކްބަރ، މީގެން ކޯންޗެއް މިއެގުނީ؟. އިންސާނާގެ ނު ކުޅެދުންތެރި ކަމާއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!