ހައްޖުގެ ތަފާތު މަންޒަރު: ތޮވާފުކުރަން ވެސް ދުރުދުރުގައި

އާދައިގެ ހާލަތެއްގައި އިންސާނުން ތިބި ނަމަ މާތްވެގެންވާ ހަރަމްފުޅު މި ދުވަސްކޮޅު އޮންނާނީ ފުރިފަ އެވެ. އެކަމަކު މީގެ ކުރިން އިންސާނުންގެ ތެރެއިން ފެނިފައިނުވާ އާ ވައިރަހެއްގެ ނުރައްކަލުން ސަލާމަތްވާން އަޅާ ފިޔަވަޅުތަކާ ގުޅިގެން، މި އަހަރުގެ ހައްޖުގައި ހަރަމްފުޅު ވެސް ފެންނަނީ ފަޅުކޮށެވެ. އަދި ހައްޖުގެ އަޅުކަން ފުރިހަމަކުރާ މަދު ހައްޖުވެރިން ވެސް، އުޅެމުން އަންނަނީ، ސޯޝަލް ޑިސްޓެންސިންގަ އެވެ.


ގެފުޅުގެ ވަށައިގެން ވަކި ދުރުމިނެއްގައި ވަނީ ރޮނގު ދަމައިފަ އެވެ. ހައްޖުވެރިން ތޮވާފުކުރަމުން އަންނަނީ އެ ރޮނގުތަކުގެ މަތިން، އެހެން އަޅުވެރިންނާ ގައިދުރުކަން ބަހައްޓައިގެންނެވެ. ހަރަމްފުޅު ތެރޭގައި އެކަކު އަނެކަކާ ފަސް ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހެ އެވެ.

މިދިއަ އަހަރު މުޅި ދުނިޔެ އިން 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން ފުރިހަމަކުރި އެވެ. އޭރު ކޮންމެ ވަގުތެއްގައި ވެސް، ހަރަމްފުޅު އޮންނަނީ ފުރިފަ އެވެ. ކޮވިޑް-19 ފަދަ ބައްޔެއްގެ ބިރެއް ނެތެވެ. އެކަމަކު މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ ސަރުކާރުން ފުރުސަތު ދިނީ، ސައުދީގައި ދިރިއުޅެމުން އަންނަ، އެންމެ 10،000 މީހުންނަށެވެ.

"ސަލާމަތީ ގޮތުން ކުރިމަތިވެދާނެ ނުރައްކަލަކާ ބެހޭ އެއްވެސް ކަންބޮޑުވުމެއް މިފަހަރަކު ނެތް،" ސައުދީ އަރަބިއާގެ އާންމު ސިއްހަތާ ބެހޭ ޑިރެކްޓަރު ހާލިދު ބިން ގަރާރު އަލް ހަރުބީ، އަލް-ޖަޒީރާއަށް ވިދާޅުވި އެވެ.

ހައްޖުވެރިންނަށް މާސްކް އެޅުން މަޖުބޫރެވެ. ގައިދުރުކަން ބަހައްޓަން ޖެހެ އެވެ. ކޮންމެ ހައްޖުވެރިއެއްގެ އަތުގައި އިލެކްޓްރޯނިކް ބޭންޑެއް އަޅުވަ އެވެ. އޭގެ ސަބަބުން ހައްޖުވެރިންގެ ހަރަކާތްތައް، ރަސްމީ ފަރާތްތަކަށް ދެނެގަނެވެ އެވެ.

ހައްޖުވެރިންގެ ހުން ބަލަ އެވެ. އެމީހުންގެ ދަބަސްތައް ޑިސްއިންފެކްޓްކުރެ އެވެ. އަދި ހަރަމްފުޅު ސާފުކޮށް ޑިސްއިންފެކްޓް ކުރުމުގައި ވެސް މަސައްކަތްތެރިން އަވަދިނެތި އުޅެ އެވެ. އެކަމަކު އެއްވެސް ހައްޖުވެރިޔަކު ގެފުޅުގައި އަތްލުން، މިފަހަރު މަނަ އެވެ.

ކުރީ އަހަރުތަކާ ހިލާފަށް މި އަހަރުގެ ހައްޖު ކަވަރުކުރަން ބޭރުގެ މީޑިއާއަތަކަށް ހުއްދައެއް ނުދެ އެވެ.

ސައުދީ އަރަބިއްޔާ އަކީ މެދު އިރުމަތީގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައި އޮތް އެއް ގައުމެވެ. މިހާތަނަށް އެ ގައުމުން 270،000 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެ އެވެ. އެހެންކަމުން ހަރަމްފުޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރީ ވަރަށް މަތީ ފެންވަރަކަށް އަޅައިފަ އެވެ.

ސިފަކުރަން ވެސް ނޭނގޭ އުފަލެއް

ހައްޖުގެ އަޅުކަމުގައި މިފަހަރު ބައިވެރިވާ 10،000 މީހުންގެ ތެރެއިން 70 ޕަސެންޓަކީ، ސައުދީގައި ދިރިއުޅެމުން އަންނަ އެހެން ގައުމުތަކުގެ ރައްޔިތުންނެވެ. އަނެއް 30 ޕަސެންޓަކީ ސައުދީ ރައްޔިތުންނެވެ.

ކޮވިޑް-19 ގެ ބިރުގައި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވުމަކީ، އެއް ބަޔަކު ދެކޭ ގޮތުގައި، ކުޑަ ނަސީބެއް ނޫނެވެ. އޭގެ ތެރެއިން އެއް ހައްޖުވެރިޔަކީ ޔޫއޭއީގެ ރައްޔިތެއް ކަމަށްވާ އަބްދުﷲ އަލް ކަތިރީ އެވެ.

"އެތައް މިލިއަން މުސްލިމުންގެ ތެރެއިން އަހަންނަށް މި ރަހުމަތް ލިބިދާނެ ކަމަކަށް ހިއެއް ވެސް ނުކުރަން،" އަބްދުﷲ ބުންޏެވެ.

"މިކަން ސިފަކުރާނެ ގޮތެއް ވެސް ނޭނގޭ، ހާއްސަކޮށް މިއީ އަހަރެންގެ ފުރަތަމަ ހައްޖަށް ވެސް ވުމާ އެކު."

ސައުދީ ސަރުކާރުން ހައްޖުވެރިން ހޮވީ، އެކަމަށް އޮންލައިންކޮށް ހުޅުވާލުމުން އެދުނު މީހުންގެ ތެރެއިންނެވެ. އެކަމަކު ހައްޖުގެ އަޅުކަމަށް އެދުނީ ކިތައް މީހުން ކަމެއް ސައުދީ ސަރުކާރަކުން ނުބުނެ އެވެ.