މޮޑާނާގެ ވެކްސިން ރާމާމަކުނަށް ދީގެން ކާމިޔާބު

ވޮޝިންޓަން (ޖުލައި 30) - ކޮރޯނާވައިރަހަށް އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން ރާމާމަކުނަށް ދީގެން ކާމިޔާބު ކަމަށް ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިން އިން ބުނެފި އެވެ.


ސައެންސްވެރިން ބުނެފައި ވަނީ ވެކްސިންގެ ދަށް ޑޯޒެއް ރާމާމަކުނަށް ދިން ނަމަަވެސް، ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދިފައިވާ މިންވަރަށް ވުރެ އިތުރަށް، އެންޓިބޮޑީސް އުފެދިފައިވާ ކަމަށެވެ. އަދި ޓީ-ސެލް އިން ދިފާއީ ނިޒާމް ވަރުގަދަވެފައިވެ އެވެ.

ޓީ-ސެލް އަކީ ހަށިގަނޑަށް އަންނަ ހަމަލާއެއް އެއަށް ރޭކާލުމާ އެކު އެންޓިބޮޑީސްގެ ބައި ވެސް ހަރަކާތްކުރުވަން ފަށާ ސެލްތަކެކެވެ.

ދިރާސާ އިން ދައްކާފައިވާ ގޮތުގައި، ވެކްސިން ދިން ރާމާމަކުނުތަކަށް ދެ ދުވަސް ފަހުން، ނޭފަތަށާއި ފުއްޕާމެއަށް ސީދާ ކޮރޯނާވައިރަސް ފޮނުވުމުން، ނުވަ ރާމާމަކުނުގެ ތެރޭން ހަތް ރާމާމަކުނުގެ ހަށިގަނޑުގައި ކޮރޯނާވައިރަހާ އެއްގޮތް ވައިރަހެއް އިތުރަށް އުފެދިފައެއް ނުވެ އެވެ.

މޮޑާނާގެ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ކުރާ ތަހުލީލުތަކުގެ އެންމެ ފަހު މަރުހަލާ މީގެ ދެ ދުވަސް ކުރިން ވަނީ ފަށައިފަ އެވެ. ފަހު މަރުހާލާގެ ޓްރަޔަލްގައި 30،000 މީހުން ބޭނުން ކުރާނެ ކަމަށެވެ. އެއީ ކޮރޯނާވައިރަހުގެ ސަބަބުން ނޭވާލާ ނިޒާމުގެ އެއްވެސް ބައްޔެއް ކުރިން ޖެހިފައި ނުވާ މީހުންނެވެ.

"ކޯވް" ގެ ނަމުގައި މޮޑާނާ އިން ކުރިއަށް ގެންދާ ޓްރަޔަލްތައް އޮކްޓޯބަރު 22 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. މޮޑާނާގެ ވެކްސިންގެ ޓްރަލްގެ ފުރަތަމަ ސްޓޭޖުގައި ވެކްސިން ދިން 45 މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް އެންޓިބޮޑީސް އުފެދިފައިވެ އެވެ.

އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި، މޮޑާނާގެ ވެކްސިން ތައްޔާރުކޮށްފައި ވަނީ މިހާތަނަށް އަދި ވެކްސިނެއް އުފައްދާފައި ނުވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. ވެކްސިންގެ މައިގަނޑަކީ ކޮރޯނާވައިރަސްގެ ޖެނެޓިކްގެ ބައެއް ކަމަށްވާ އެމް-އާރުއެންއޭ އެވެ. ޓްރަޔަލްގައި ބޭނުންކުރި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުމުން އެ ނަގައި، ލެބޯރަޓަރީގައި ޓެސްޓް ހެދީ، ކޮރޯނާވައިރަސްގެ ސަބަބުން އިންފެކްޓްވެފައި ހުރި ސެލްތަކެއް ބޭނުންކޮށްގެންނެވެ. ނަތީޖާ ދެއްކީ ވައިރަސް އިތުރުވުން ހުއްޓުވާ ކަމެވެ. ވައިރަސްގެ ނުރައްކާ ބޮޑުވަނީ ހަށިގަނޑު ތެރެއަށް ވަދެ ސެލްތައް ބޭނުންކޮށްގެން ގިނަވެގަންނާތީ އެވެ. ވެކްސިނެއް ކާމިޔާބުވާނީ ވައިރަސްގެ އެ ގިނަވުން ހުއްޓުވައިދޭ ނަމަ އެވެ.

މޮޑާނާ އިން ބޭނުންކުރާ ޓެކްނޮލޮޖީގައި މިހާތަނަށް އެއްވެސް ވެކްސިނެއް ތައްޔާރުކޮށް އިންސާނުންނާ ހަމައަކަށް ނާދެ އެވެ. އާންމުކޮށް ވެކްސިން ހަދަނީ އަސްލު ވައިރަސް ބޭނުންކޮށްގެންނެވެ. އެކަމަކު ވައިރަސްގެ ޖެނެޓިކް މެޓީރިއަލްސް ހިމަނައިގެން ވެކްސިނެއް އުފެއްދިއްޖެ ނަމަ އެއީ ގިނަ އަދަދަކަށް ތައްޔާރުކުރަން ވެސް ފަސޭހަވާނެ އީޖާދެކެވެ.