ބޭރޫތުގެ ގޮވުން: މީހުންތައް ދިޔައީ "އުދުހެމުން"

ބޭރޫތު (އޮގަސްޓް 5) - މުޅި ބޭރޫތުގެ ގުޑައިގެންދާ ވަރުގެ ބާރުގަދަ ގޮވުމެއް އަންގާރަ ދުވަހު ގޮވިއިރު އަހުމަދު ޔާސީން ދިޔައީ މަސައްކަތަށް ފަހު ގެއަށް ދިއުމަށް ކާރުގައި ދަތުރު ކުރަމުންނެވެ. އަލް އަރަބިއްޔާ ޓީވީގެ ސީނިއާ ޕްރޮޑިއުސަރެއް ކަމަށްވާ ޔާސީން ބުނީ ގޮވުމާ އެކު ޖައްވު ބެދިގެންދާ ވަރުގެ ދުންގަނޑެއް ފެނުނު ކަމަށެވެ.


"އަޅުގަނޑުގެ ކާރު ވެސް ހިއްލިގެން ދިޔައީ. މީހުންތައް އުދުހިފައިދާ މަންޒަރު ފެނުނު،" ސީޓީވީ ނިއުސް ޗެނަލް އަށް ދިން އިންޓަވިއުއެއްގައި ޔާސީން ބުންޏެވެ. "ފިހާރަތަކާއި އެޕާޓްމަންޓްތައް އަދި ގެތައް ދިޔައީ ވެއްޓެމުން. މީހުން ދިޔައީ ރޮމުން."

ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބާރުގަދަ ދެ ގޮވުމެއް ގޮވަ އެވެ. ދެ ވަނަ ގޮވުމުން ހީވީ މުޅިތަން އެކުގައި ގޮވިހެންނެވެ. ގޮވިލެއް ބާރުވުމުން އެތައް ކިލޯ މީޓަރެއްގެ ދުރުގައި ހުރި އިމާރާތްތަކުގެ ބިއްލޫރިތައް ވެސް ތެޅުނެވެ. ގޮވުމުގެ އަޑު މެޑިޓެރޭނިއަންގެ އިރުމަތީގައި 240 ކިލޯ މީޓަރު (150 މޭލު) ދުރުގައި އޮންނަ ސައިޕްރަސްގެ ނިކޯސިއާއާ ހަމައަށް އިވުނު ކަމަށްވެ އެވެ.

ޔާސީން ބުނީ އޭނާ އަށް ހުރެވުނީ ގޮވުމުގެ ރޭޑިއަސްގެ ގާތްގަނޑަކަށް ހަތަރު ކިލޯ މީޓަރެއްހާ ދުރުގަ އެވެ. އެހެންވެ އޭނާ އަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް އެ ބިރުވެރިކަމުން އޭނާ އަށް ސަލާމަތެއް ނުވެވުނެވެ.

"ބިއްލޫރިތައް ފައިބައިގެން، އިމާރާތްތައް ވެއްޓެމުން ދިޔަ މަންޒަރު ފެނުނު،" ޔާސީން ބުންޏެވެ.

ޔާސީން ބުނީ ބޭރޫތުގެ މަންޒަރުން އޭނާ އަށް ހަނދާން އާވީ ރަޝިޔާގައި 1986 ވަނަ އަހަރު ނިއުކްލިއާ ޕްލާންޓެއް ގޮވި ހާދިސާގެ މައްޗަށް ހެދި ޓީވީ ޝޯ، ޗަރްނޮބީލްގެ މަތިން ކަމަށެވެ.

ބޭރޫތުގައި ދިރިއުޅޭ އެހެން މީހެއް ކަމަށްވާ ނަދާ ހަމްޒާ ބުނީ ގޮވި އިރު އޭނާ އަށް ހުރެވުނީ އެ ސަރަހައްދާ މާ ދުރުގައި ނޫން ކަމަށެވެ.

"ބޭރޫތު ބަނދަރުގެ ފަހަތަށް އޮންނަ މަގެއްގައި އަހަންނަށް ހުރެވުނީ. އެއީ ގާތްގަނޑަކަށް އެ ސަރަހައްދާ ކިލޯ މީޓަރެއްހާ ދުރު،" ސީޓީވީ ނިއުސް ޗެނަލް އަށް ނަދާ ބުންޏެވެ.

ގޮވުމުގެ އަޑު އިވުނު އިރު ނަދާ ވެސް އިނީ ކާރުގަ އެވެ. އޭނާ ފުރަތަމަ ހީކުރީ ގޮވީ ބާރުގަދަ ބޮމެއް ކަމަށެވެ. ކާރުގެ ބިއްލޫރު ތިރިކޮށްލުމަށް ފަހު ބައެއް މީހުންނާ އޭނާ ސުވާލު ކުރި އެވެ.

"ބައެއް މީހުން ބުނި އެވާނީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށޭ،" ނަދާ ބުންޏެވެ.

އޭނާ ބުނީ މަގު މެދަށް ކާރު ދޫކޮށްލުމަށް ފަހު ކޮންމެވެސް އިމާރާތަކަށް ވަދެ ފިލީ ކަމަށެވެ.

ފުރަތަމަ ގޮވުން ގޮވާފައި ވަނީ ލުބުނާން ގަޑިން އިއްޔެ ހަވީރު 6:05 ގަ އެވެ. ދެ ވަނަ ގޮވުން ގޮވީ ތިން މިނިޓް ފަހުންނެވެ.

ބޭރޫތުގައި ގޮވާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޯދިޔާ ގުދަނެއްގައި ހުންނަތާ ހަ އަހަރު ވެފައިވާ 2،700 ޓަނުގެ އެމޯނިއަމް ނައިޓްރޭޓެވެ.