ޔޫއޭއީ އާއި އިޒްރޭލާ ދެމެދު ފޯނުގެ ޚިދުމަތް ގާއިމްކޮށްފި

ދުބާއީ (އޮގަސްޓް 17) - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިޒްރޭލާ ދެމެދު ޓެލެފޯނުގެ ސީދާ ޚިދުމަތް ގާއިމްކޮށްފި އެވެ.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިއެއްގެ ރޯލު އަދާކުރައްވައިގެން ދެ ގައުމުގެ މެދުގައި މިދިޔަ ހަފުތާގައި ގާއިމްކުރި ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވެސް ވަނީ ފޯނުން ގުޅައި ތަހުނިޔާ ބަދަލުކޮށްފަ އެވެ.

ޔޫއޭއީ އަކީ މެދުއިރުމަތިން އިޒްރޭލާ ގުޅުން ގާއިމްކުރި ތިން ވަނަ ގައުމެވެ. އެ ގުޅުމަށް ބައެއް ގައުމުތަކުން މަރުހަބާ ކީ ނަމަވެސް ފަލަސްތީން، އީރާން އަދި ތުރުކީން ވަނީ އެކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

އެއްބަސްވުމުގައިވާ ގޮތުން ހުޅަނގު އައްސޭރީގެ ބިންތައް ހިފަން އިޒްރޭލުން ގެންގުޅުނު ޕްލޭން ހުއްޓާލަން ޖެހެ އެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާ އަށް ފޯނުން ގުޅުއްވުމަށް ފަހު އިޒްރޭލުގެ ފޮރިން މިނިސްޓަރު ގާބީ އަޝްކެނަޒީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެ ގައުމުގެ މެދުގައި ވަނީ ސީދާ މުވާސަލާތު ކުރެވޭނެ ޗެނަލެއް ގާއިމްކޮށްފައި ކަމަށެވެ.

އިޒްރޭލްގެ ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ އިޒްރޭލަށް ގުޅޭ ކަންޓްރީ ކޯޑް ޔޫއޭއީން މިހާރު އަންބްލޮކްކޮށްފައިވާ ކަމަށެވެ.

ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ ވޮޝިންޓަނުގަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެއް ގައުމު އަނެއް ގައުމުން އެމްބަސީ ހުޅުވާނެ އެވެ. އިޒްރޭލާއި ޔޫއޭއީން މިހާތަނަށް ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ.

ގަލްފުގެ އަރަބި އެއްވެސް ގައުމަކާ ވެސް އިޒްރޭލުން މިހާތަނަށް ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ. މިއީ 1948 ވަނަ އަހަރު އިޒްރޭލް އުފެދުނު ފަހުން ގާއިމްކުރި އަރަބި-އިޒްރޭލް ތިން ވަނަ އެއްބަސްވުމެވެ. މިސްރުން ވަނީ 1979 ވަނަ އަހަރު އިޒްރޭލާ އެކު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އަދި ޖޯޑަން އިން ވެސް ވަނީ 1994 ވަނަ އަހަރު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. މޮރިޓޭނިއާ އިން އިޒްރޭލާ އެކު 1999 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމްކުރި ނަމަވެސް 2009 ވަނަ އަހަރު ވަނީ އެ ގުޅުން ކަނޑާލައިފަ އެވެ.