އަރަބި ލީޑަރުންނާ އެކު ދަނީ ސިއްރު މަޝްވަރާތައް ކުރަމުން: ނަތަންޔާހޫ

ތެލް އަވީވް (އޮގަސްޓް 31) - ވަރަށް ގިނަ އަރަބި ލީޑަރުންނާ އެކު އިޒްރޭލުން ސިއްރު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.


އޭނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ގުޅުން ބަދަހި ކުރުމަށް ފަހު، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އުސޫލުން ވައިގެ ދަތުރުތައް ފެށުމުގެ ކުރިންނެވެ.

"އިޒްރޭލާ ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ވަރަށް ގިނަ އަރަބި އަދި މުސްލިމް ލީޑަރުންނާ އެކު ކުރިއަށް ދޭ،" އެެއްވެސް ގައުމެއްގެ ނަން ހާމަނުކޮށް ނަތަންޔާހޫ ވިދާޅުވި އެވެ.

އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ޔަހޫދީ ދައުލަތާއި ޔޫއޭއީއާ ދެމެދު ގުޅުން ގާއިމްކުރާކަން އިއުލާންކޮށްފައި ވަނީ އޮގަސްޓް 13 ވަނަ ދުވަހު އެވެ.

އިޒްރޭލުން ޔޫއޭއީ އަށް ހޯމަ ދުވަހު ބާއްވާ ކޮމާޝަލް ފްލައިޓުން އިޒްރޭލުގެ މަތީ ފެންވަރުގެ ވަފުދެއް ޔޫއޭއީ އަށް ދަތުރުކުރާނެ އެވެ. އިޒްރޭލުގެ ވަފުދުގެ އިސްވެރިކަށް ހުންނާނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މެއިރް ބެން ޝަބަތެވެ.

ޔޫއޭއީން ހޮނިހިރު ދުވަހު ވަނީ އިޒްރޭލް ބޮއިކޮޓް ކުރުމުގެ 1972 ވަނަ އަހަރުގެ ގާނޫނު އުވާލައިފަ އެވެ.

އިޒްރޭލާއި ޔޫއޭއީން ގުޅުން ބަދަހި ކުރުން ފަލަސްތީނުން ސިފަކޮށްފައި ވަނީ "ފަހަތުން ހަންޖަރު ޖެހުން" ފަދަ ކަމެއްގެ ގޮތުގަ އެވެ.