ރަޝިޔާގެ ވެކްސިންގެ ފުރަތަމަ ނަތީޖާތައް ރަނގަޅު

ލަންޑަން (ސެޕްޓެމްބަރު 5) - ކޮރޯނާވައިރަހަށް ރަޝިޔާ އިން އުފެއްދި ވެކްސިންގެ އެންމެ ފުރަތަމަ ނަތީޖާތަކުން އުއްމީދު އާވެފައިވާ ކަމަށް ތަޖްރިބާކާރުން ބުނެފި އެވެ.


އެކަމަކު ސައެންސްވެރިންގެ ކަންބޮޑުވުމަކީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ރަޝިޔާގެ ވެކްސިންގެ ޓްރަޔަލްތަކުގެ މުއްދަތު ކުރުވުމެވެ.

ދެ ޓްރަޔަލެއްގައި ރަޝިޔާގެ ވެކްސިން އެ ގައުމުގެ ދެ ހޮސްޕިޓަލެއްގައި ޓެސްޓްކުރީ 38 މީހުންނަށް ދީގެންނެވެ. ފޭސް ދޭއްގައި ވެކްސިން ދިން 40 މީހުންގެ ހަށިގަނޑުން ވެސް އެންޓިބޮޑީސް އުފައްދާފައިވެ އެވެ. ވެކްސިން ދިން 18-60 އަހަރާ ދެމެދުގެ ސިއްހަތު ރަނގަޅު މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުނު ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފައްދަނީ ކިހާވަރަކަށް ކަމެއް ނޭނެގެ އެވެ.

ރަޝިޔާގެ ވެކްސިން "ސްޕުޓްނިކް ވީ" އަށް މިދިޔަ މަހު ވަނީ ހުއްދަ ދީފަ އެވެ.

ރަޝިޔާ އިން މާއަވަހަށް ވެކްސިނެއް ނެރުމުން ހުޅަނގުގެ ސައެންސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮރޯނާވައިރަހަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެންދަނީ 178 އަށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭން 34 ވެކްސިން ވަނީ އިންސާނުން ބޭނުންކޮށްގެން ޓެސްޓްކުރަން ފަށައިފަ އެވެ. އަދި އަށް ވެކްސިން ވަނީ ތިން ވަނަ ސްޓޭޖުގަ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ރައްކާތެރި ނޫން ވެކްސިންތައް އެންޑޯޒް ނުކުރާނެ ކަމަށެވެ.