ނަފްރަތު އުފައްދާ ވާހަކަ ފަތުރާތީ ބީޖޭޕީގެ ހަރުކަށި ލީޑަރަކު ފޭސްބުކުން ބްލޮކްކޮށްފި

ނިއު ދިއްލީ (ސެޕްޓެމްބަރު 5) - މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކާ އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ޓީ. ރާޖާ ސިންގް ފޭސްބުކުން ބްލޮކްކޮށްފި އެވެ.


ފޭސްބުކުގެ ތަރުޖަމާނަކު ވިދާޅުވީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ އަށް ނިސްބަތްވާ ސަރަހައްދީ ޕާޓީއެއްގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ބްލޮކްކުރީ ހަމަނުޖެހުމަށް ހިތްވަރުދޭ ވާހަކަތައް ފަތުރާތީ ކަމަށެވެ.

ރާޖާ ސިންގް ވަނީ ރޮހިންޖާ މުސްލިމް ރެފިއުޖީން ބަޑިޖަހާ މެރުމަށާއި މުސްލިމުންނަކީ ޣައްދާރުން ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓްކޮށްފަ އެވެ. މިސްކިތްތައް ތަޅާލުމަށް ވެސް އޭނާ ވަނީ ފޭސްބުކުގައި ގޮވާލައިފަ އެވެ.

ނަަމަވެސް އެ ގޮތަށް ގޮވާލި މެންބަރު ޓީ.ރާޖާ ސިންގް ބުނެފައި ވަނީ އޭނާގެ ފޭސްބުކް ހެކްކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަކީ ނުރައްކާތެރި މީހެއް ކަމަށް ދުނިޔެ އަށް ދެއްކުމަށް ކޮންމެވެސް މީހަކު މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

"އަޅުގަނޑަށް ނޭނގި ވަރަށް ގިނަ އައިޑީތަކާއި ޕޭޖްތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ހަދާފައި،" ނިއު އިންޑިއަން އެކްސްޕްރެސް އަށް އޭނާ ބުންޏެވެ.

ފޭސްބުކުން ފިޔަވަޅު އެޅުމާ ގުޅިގެން ރާޖާ ސިންގް ބުނެފައި ވަނީ އޭނާ ފޭސްބުކް އެކައުންޓެއް ނުގެންގުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ.

"އަޅުގަނޑު މެދުވެރިކޮށް ފޭސްބުކުން ދަނީ ބީޖޭޕީ އަށް ހަމަލާ ދެމުން. އެއީ ބީޖޭޕީއާ ދެކޮޅަށް ފޭސްބުކުން ހިންގި އަމަލެއް،" ރާޖާ ސިންގް އޭއެފްޕީ އަށް ބުންޏެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ބީޖޭޕީގެ ހަރުކަށި ވިސްނުމުގެ މެންބަރު ޕޯސްޓްކުރި ވާހަކަތަކަށް ފިޔަވަޅު އަޅަން ފަސްޖެހިފައި ވަނީ އިންޑިއާގައި ފޭސްބުކުގެ ވިޔަފާރި ދަށްވެދާނެތީ އެވެ. އިންޑިއާ އަކީ، ބޭނުން ކުރާ މީހުންގެ އަދަދަށް ބަލާއިރު، އެމެރިކާގެ ފޭސްބުކާއި ވަޓްސްއަޕުގެ އެންމެ ބޮޑު މާކެޓެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ، ގާނޫނުހަދާ މަޖިލީހުގެ މެންބަރަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ އިންޑިއާގައި ފޭސްބުކުގެ ވިޔަފާރި އަށް ގެއްލުންވާނެ ކަމަށް އިންޑިއާގައި ހުންނަ ފޭސްބުކުގެ ޕަބްލިކް-ޕޮލިސީ އެގްޒެކެޓިވް އަންކީ ދާސް ވަނީ ސްޓާފުންނަށް އަންގައިފަ އެވެ.

މި ވާހަކަތަކާ ގުޅިގެން އިދިކޮޅު ކޮންގްރެސް ޕާޓީން ބުނެފައި ވަނީ ފޭސްބުކުން އިންޑިއާގައި ވަކިކޮޅަކަށް ޖެހި ބީޖޭޕީ ރުއްސަން މަސައްކަތް ކުރާ ކަމަށެވެ.

އިންޑިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު ރަވީ ޝަންކަރު ޕްރަސާދު ވަނީ ފޭސްބުކް ވަނީ ބޮޑުވަޒީރު މޯދީ އާއި ބީޖޭޕީއާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ފޭސްބުކުގެ ސީއީއޯ މާކް ޒުކަބާގަށް ސިޓީއެއް ފޮނުވައިފަ އެވެ.